ޚަބަރު

ފަޒްނާ ވިދާޅުވީ މިއަދު ފަސް ވޯޓު ލިބިއްޖެ ކަމަށް، އެއްވެސް މީހަކު އުންމީދު ކަނޑާނުލާ ކަމަށް

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދަން ކުރެއްވި މަސައްކަތުން މިއަދު އެކަނިވެސް އިތުރު ފަސް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު އިތުރުކުރުމުގެ މަސައްކަތުގައި ފަޒްނާ މިއަދު ވަނީ، މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވައިފައެވެ.

މާފަންނު ހުޅަނގުގެ ބައެއް ގެތަކަަށް ދޮރުން ދޮރަށް ހިންގެވުމަށް ފަހު ފަޒްނާ ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އިތުރު ފަސް ވޯޓު ލިބިއްޖެ ކަމަށެވެ. އަދި ޒުވާބު ކުރުމުގައި ވަގުތު ބޭކާރުނުކޮށް، އެންމެންވެސް ވޯޓު ހޯދަން މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

"ވީ ގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑައެއް ނުލައެވެ. ރާއްޖޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ގުޅައިގެން ރީ-ރެޖިސްޓާ ކުރަން ތައްޔާރުވަނީއެވެ. ފަތުރަމުންދާ ހީލަތްތެރި ދޮގު ވާހަކަތަކުގެ ހަގީގަތް މީހުންނަށް އޮޅުންފިލުވައި ދެނިއްޔެވެ،" ފަޒްނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ފަޒްނާ ވިދާޅުވީ، ވޯޓުލާން ނުދާ މީހުންނާވެސް ދިމާވި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދެވަނަ ބުރެއް އޮންނާނެތީ ނުދިޔަ މީހުން ކަމަށެވެ. އަދި 'އޮފާއެއް' ލިބުމުން އައިޑީކާޑު ދޫކޮށްލި މީހަކާވެސް ދިމާވި ކަމަށް ވިދާޅުވިއެވެ.

ފަޒްނާ އިތުރަށް ވިދާޅުވީ، ދޮރުން ދޮރަށް ހިންގެވުމަށްފަހު ގެއަށް ވަޑައިގެން ފޯނު ބެއްލެވިއިރު މި ސަރުކާރުން ނަފްސާނީ ސިއްހަތައް ގެންގުޅޭ ސިޔާސަތުތަކާއި އިޖުތިމާއީ ސިޔާސަތުތަކުގެ ސަބަބުން ސަރުކާރު ދަމަހައްޓަން ބޭނުންވާ ޕީޕީއެމް މީހަކުވެސް މެސެޖުކޮށްފައި އޮތް ކަމަށެވެ.