މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މީރުމާ މާލަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި އެމްއެންޕީން އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަށް ކަމަށް އަބްދުއްރަހީމާއި ނާޒިމްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް އަޅުގަނޑުމެންގެ އިހުތިޔާރުތައް ވާނީ ދޫކޮށްލާފައި. އަޅުގަނޑުމެންގެ އެއްބަސްވުމުގައިވާ ކަންކަން ނިންމުމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން ފޮތިފޮތިކޮށް ބައިބައިކޮށްގެން މިވަގުތު އެކަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަކަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި، ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބީ ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމްއެންޕީގެ ޓީމަކީ އޭނާއާ ވަރަށް ގާތް ޓީމެއް ކަމަށާއި ގިނަ ބޭފުޅުންނާއެކުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.