މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މުއިއްޒަށް ތާއީދުކުރަން ނިންމީ އެމްއެންޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެނގިފައިވާ ގޮތުގައި ކައުންސިލުން ނިންމީ ކޯލިޝަން ހެދުމަށް މުއިއްޒުގެ ފަރާތުން ލިބުނު ދައުވަތު ގަބޫލުކޮށް، އެ ޕާޓީއާ މަޝްވަރާ ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެމްއެންޕީގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސަށް ލިބުނީ 1،907 ވޯޓެވެ.

ފުރަތަމަ ބުރު 15،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ.

މުއިއްޒުއާ ކޯލިޝަން ހެދުމަށް އެމްއެންޕީން ނިންމިި އިރު، މުއިއްޒު ވަނީ ގައުމު ދެކެ ލޯބިވާ ޕާޓީތަކަށް އޭނާއާއެކު ކޯލިޝަން ހަދަން ދައުވަތު ދެއްވައިފައެވެ.