ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ފޮނުއްވި ސިޓީފުޅު ލީކުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ލީކުވެފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ވަން" އަށް ދެންމެ ކަށަވަރުކޮށްދެއްވައިފިއެވެ.

"އެ ސިޓީ ލީކުވި ގޮތް އަޅުގަނޑުމެން މިދަނީ ބަލަމުން،" މިއުވާން ވިދާޅުވިއެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރާ ދެކޮޅަށް އޮތް ގައުމެއް ކަމަށާއި އދ. ގައި މޮރިޝަސްއިން އިސްތިއުމާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާއި އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

އިދިކޮޅުން މީގެ ކުރިން ވަނީ އެ ސިޓީއަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.

ޗާގޯސް މައްސަލައިގައި މޮރިޝަސް އިން ހުށަހަޅާފައިވަނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑޫއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އެގޮތުން އިޓްލޮސްއިން އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަ ކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނިކޮށެވެ.

އިޓްލޮސްގެ ނިންމުން ނިންމި ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2019 ވަނަ އަހަރު ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވޯޓު ދިނީ ރާއްޖެއަކީ އިސްތިއުމާރު ކުރާ ގައުމުތަކާ ދެކޮޅު ގައުމަކަށް ވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. .

އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސްއިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ (ސިޓީ)ގައި، ދެން އެ މައްސަލަ އަތުވެއްޖެއްޔާ އަޅުގަނޑުމެން އަމަލު ކުރާނީ މިގޮތަށޭ. އެއީ އިނގިރޭސިން ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ،" ރައީސް ވިދާޅުވެފައިވެއެވެ.

މޮރިޝަސް ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ލީކުވެފައިވާ އިރު، އެ ސިޓީގެ ކޮޕީއެއް ރައީސް އޮފީހުން ވަނީ ބާ ކައުންސިލާ ހިއްސާކޮށްފައެވެ.