އެހެން ފަހަރުތަކުގެ ރިޔާސީ އިންތިހާބަށްވުރެ މިފަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ބޮޑުތަނުން މަދު ކަމަށް ދައްކައިފިއެވެ.

މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި މި އިންތިހާބުގައި މިއަދު ވޯޓުލާން ނުކުމެފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގާތްގަނޑަކަށް 75 ޕަސެންޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިރޭ ވިދާޅުވީ، "ވޯޓުލާން ނުކުތް މީހުން ގާތްގަނޑަކަށް 75 ޕްލަސްގައި އުޅޭނީ، އަދި ދެން ހުރިހާ ވޯޓެއް ގުނައި ނުނިމޭ، ގުނައި ނިމުނީމަ ފައިނަލް އެއްޗެއް ދެވޭނީ،"

ހަބީބު ވިދާޅުވީ، މިފަހަރުގެ ވޯޓަށް ރަޖިސްޓްރީކުރި މީހުންގެ އަދަދުވެސް މަދު ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުން ވޯޓުލާން ރަޖިސްޓްރީކުރި މީހުންގެ އަދަދުވެސް މިފަހަރު ވަރަށް ދަށް ކަމަށާއި "އެހެން އަހަރުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އުޅެނީ 80 ޕަސެންޓަވުރެން މަތީގައި، އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު،" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. އާ ގާނޫނުއަސާސީއާއެކު ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމު ތައާރަފުވެ، ގިނަ ޕާޓީތައް ބައިވެރިވެގެން 2018ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލިއެވެ. އަދި އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ވޯޓުލާން މަދުން މީހުން ނުކުތް ނަމަވެސް، އެހެން ފަހަރު ފަހަރަށްވުރެ މިފަހަރު ބޭއްވި އިންތިހާބު ފާހަގަކުރެވެނީ މައްސަަލަތައް ކުޑަ، އަދި އިލެކްޝަންސް ކޮމިޝަނަށް ކުރާ ތުހުމަތުތައް ކުޑަ އިންތިހާބެއްގެ ގޮތުގައެވެ. ސަބަބެއް ކަމަށް އީސީގެ ނާއިބު ރައީސް ވިދާޅުވީ، އިންތިހާބު ކުރިއަށް ގެންދިޔައީ ދެފުށް ފެންނަ ނަޒާހަތްތެރި ނިޒާމެއްގެ ތެރެއިންކަން ރައްޔިތުން ގަބޫލުކުރުން ކަމަށެވެ. އެހެންކަމުން އިންތިހާބުގައި މަކަރު ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން "މިހާ ވާދަވެރި އިންތިހާބެއް ކުރިއަށްދިޔައީ ވަރަށް ރަނގަޅަށް،" ކަމަށް ހަބީބު ވިދާޅުވިއެވެ.

މިއަދު ބޭއްވި ވޯޓު ނެގުމުގައި، އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އަދަދަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓެއް ނުލިބުނެވެ.

އެމްޑީޕީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ. އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް މާލޭ ސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

އިންތިހާބު ކާމިޔާބުކުރަން، ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯދަން ޖެހެއެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރެއް ވަނީ ބާއްވަން ޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، މިމަހުގެ 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށެވެ.