އެމްޑީޕީން ވޯޓު ގަންނަ ކަމަށް ދެކެވޭ ވާހަކަތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފައެވެ.

ޖަމާލުއްދީން ސްކޫލުގައި ހުންނަ ހިންނަވަރު ރައްޔިތުން ވޯޓުލާ ޅ. އަތޮޅުގެ އެއް ނަންބަރު ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުގައި 80-90 ޕަސަންޓް މީހުން ވޯޓުލާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އިންތިހާބުގެ ކަންކަން ދަނީ ރަނގަޅަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ވޯޓުގެ ކަންކަން ދަނީ ވަރަށް އޮމާންކޮށް ކަމަށެވެ. އަދި ވޯޓު ގަތުމަށް އެމްޑީޕީން ފައިސާ ނުބަހާނެ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއަކުން ނުބަހާނެ ފައިސާއެއް،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ކުރިއަށްދަނީ، ރާއްޖޭގައި ނުދެކޭ ފަދަ ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން ކަމަށެވެ.

ރައީސް ވަނީ ވޯޓު ލެވޭ އެންމެން ނުކުމެ އަމާނާތްތެރިކަމާއެކު ވޯޓު ލެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.