ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ލުން މިއަދު 8:00 ގައި ފަށައިފިއެވެ.

މި އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ އިންތިހާބެވެ. އިސްލާހު ކުރި ގާނޫނުއަސާސީއާ އެކު 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި މަލްޓި ޕާޓީ ނިޒާމަށްފަހު، މިއަދު ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ފަސް ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

  • ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
  • ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
  • ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
  • ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
  • ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު 8:00 އިން ވޯޓްލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ދަށުގައި ކިއު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް ފޮށިދޮށުގައި ވޯޓުލާން ކިއު އޮތް ނަމަ، 4:00 އިން ފެށިގެން އެ ކިއު ބަންދުކޮށް، ވޯޓު ފޮށި ބަންދު ކުރާނީ ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން ކަމަށްވެސް ބުންޏެވެ. އެއަށްފަހު ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.

ފަހުން ވޯޓުލާން މަޑުނުކޮށް އަވަހަށް ވޯޓު ލުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ، އިލެކްޝަންސް ކޮމިޝަންގެ ފާސް އޮތް މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އާއްމު ހިދުމަތްތަކުގައި ޔުނީފޯމް އެޅި މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާ އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލި ބިފައިވަނީ 282،395 މީހުންނަށެވެ. ވޯޓު ލުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި މިފަހަރު ވަނީ ބަހައްޓައިފައެވެ. ވޯޓު ލުމުގެ ކަންކަން ހަވީރު 4 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިއުލާންކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ވަގުތެއްގައި އިންތިބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.

އިންތިހާބުގައި ދެވަނަބުރަކަށް ދާންޖެހޭނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.