އުތުރު ކޮރެއާއިން އުފެއްދި ވަރުގަދަ ނިއުކްލިއާ ސަބްމެރިން ދައްކާލައިފިއެވެ.

އުތުރު ކޮރެއާއިން ދައްކާލާފައިވަނީ ނިއުކްލިއާ ހަމަލާދެވޭ ވަރުގެ ބާރުގަދަ ސަބްމެރިންއެކެވެ. އެގައުމުގެ އޮފިޝަލުން ވަނީ ސަބްމެރިން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާއިން އުފެއްދި ނިއުކްލިއާ ސަބްމެރިން އަކީ ދެ ކޮރެއާ ގުޅޭ ސަރަހައްދާއި ޖަޕާނާ ދެމެދުގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ބޭނުންކުރުމަށް އުފެއްދި ސަބްމެރިންއެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ސަބްމެރިން ދިރާސާކުރި ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވާގޮތުގައި އެ ސަބްމެރިން އަކީ ސޯވިއެޓް ދުވަސްވަރު ބޭނުން ކުރި ސަބްމެރިންއެއް މޮޑިފައިކޮށްގެން އުފައްދާފައިވާ ސަބްމެރިންއެކެވެ.

އުތުރު ކޮރެއާއިން ސަބްމެރިން ލޯންޗް ކުރުމާއެކު ދެކުނު ކޮރެއާއިން ވަނީ އެއީ ނޯމަލް އޮޕަރޭޝަންތަކަށް ނެރެފައިވާ ސަބްމެރިންއެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. މިއީ އުތުރު ކޮރެއާއިން އެގައުމަށް އެކަމުގައި ގާބިލުކަން ހުރިކަމަށް ދައްކަން ކުރިކަމެއް ކަމަށް ދެކުނު ކޮރެއާއިން ބުނެފައިވެއެވެ.