ޚަބަރު

އިލްޔާސާއި އަމްރަށް ތާއީދުކުރަނީ ދަރަނި ހައްލުކުރުމަށް، ތިން އިރު ކައިގެން އުޅެވޭނީ އެބޭފުޅުންނާއެކު: ނަޝީދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އޭނާގެ ރަނިންމޭޓު ހުސައިން އަމްރަށް ތާއީދުކުރައްވާ ހަމައެކަނި ސަބަބަކީ ރާއްޖޭގެ ދަރަނި ހައްލުކުރެވޭނީ އެ ބޭފުޅުންގެ ވެރިކަމެއްގައި ކަމަށް ވުމުން ކަމަށް އެ ޕާޓީގެ ބާނީ އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދަ ޑިމޮކްރެޓްސްއިން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި ނުބެލެހެއްޓިއްޖެނަމަ ދިވެހީންގެ މުސްތަގުބަލު އޮތީ ވަރަށް ބަނަކޮށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ މިނިވަންކަން ގެއްލިގެންދަނީ، ބޭރުގެ ސިފައިން ރާއްޖޭގައި ތިބެގެނެއް ނޫން ކަމަށާއި ނަމަވެސް ދަރަނި ބޮޑުވެ އިންތިހާއަށް ދަރަނި މައްޗަށް ދިއުމުން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް ރާއްޖެ ދިޔަ ސަަބަބުން މިސާލު ނަންގަވައިފައެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ރޭހުގައި ތިބި ކެންޑިޑޭޓުންގެ ތެރެއިން ދަރަނީގެ މައްސަލަ ހައްލުކުރެވޭނީ އިލްޔާސް ލަބީބާއި އަމުރަށް ކަމަށާއި ދަރަންޏަށް ވަމުންދާ ގޮތްވެސް އެނގޭނީ އެ ބޭފުޅުންނަށް ކަމަށެވެ.

"ދަރަނީގެ ވާހަކަ ދައްކާ ހަމައެކަނި ކެންޑިޑޭޓަކީ އިލްޔާސް ލަބީބާއި އަމްރު. އަޅުގަނޑު އެ ދެ ބޭފުޅުންނަށް ތާއީދުކުރަނީ ހަމައެކަނި މި ސަބަބަށްޓަކައި، އަޅުގަނޑަށް އެނގޭ މިކަން ނުކޮށް ދިވެހިރާއްޖޭގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންގެ ހިތަށްވެސް ނުގެނެވޭ މިކަން ނުކޮށްފިނަމަ ރާއްޖޭގެ ދަރަންޏަށްވާ ގޮތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރުގެ ފަހުން ދިވެހިން ތިން އިރު ކައިގެން އުޅެން ބޭނުންވަނީ ނަމަ އިލްޔާސަށާއި އަމްރަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.