އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށް 100 ދީނީ އިލްމުވެރިޔަކު ގުޅިގެން ބަޔާނެއް ނެރެފިއެވެ.

"ރިޔާސީ އިންތިހާބާ މެދު ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދޫކޮށްފައިވާ 100 އިލްމުވެރީންގެ ބަސް" މި ނަމުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ހުލްގުހެޔޮ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަަމަށް ފެންނާތީ އިންތިހާބުގައި އޭނާއާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ތާއީދުކުރާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ މުއިއްޒަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

"މި ހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މުސްލިމުންގެ މެދުގައި ބައިބައިވުމާއި އަދާވާތްތެރިވުމާއި ނަފްތަރު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަ ނުދެއްވުމުވަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން،" އެ ބަޔާނުގައިވެއެވެ.

އިލްމުވެރީންގެ އެ ބަޔާނުގައި އެ ބޭފުޅުންގެ ފުރިހަަމަ ނަމާއި ކިޔަވައި ވިދާޅުވި ތަންތަނާއި ތައުލީމީ ފެންވަރު ބަޔާންކޮށްފައިވެއެވެ.