ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޝްތާގް އިބްރާހީމެވެ.

އެ މަޝްރޫއަކީ ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތުގެ އަގަކީ 214،852،500.00 (214.8 މިލިއަން) ރުފިޔާއެވެ. އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 540 ދުވަހެވެ.

އެ މަޝްރޫއުގައި ހިމެނޭ 200 ހައުސިން ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ޔުނިޓެއްގައި ވެސް 1000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ، ކޮންމެ ހައުސިން ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރ،ި 3 ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމް ކަމަށާއި ހައުސިން ޔުނިޓުތައް އިމާރާތް ކުރަނީ 11 ބުރީގެ ދެ ބިލްޑިންއަށް ވާގޮތަށް ކަމަށެވެ. އަދި ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި ޕާކިން ހެދޭނެ ޖާގައެއް ދެވޭނެ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ހައުސިން ޔުނިޓުތައް ހިމެނޭ ސަރަހައްދުގައި ޕާކެއް ގާއިމުކުރެވިގެން ދާނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.