އައްޑޫ ސިޓީ އަބަދުވެސް ފާހަގަވެފައި އޮންނަނީ ސިޔާސީ ފޯރިގަދަ، ސިޔާސީ ކުލަވަރުތައް ބޮޑު ސިޓީއެއްގެ ގޮތުގައެވެ. ހާއްސަކޮށް އައްޑޫ އަކީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މައި ހަބުގެ ގޮތުގައި ފާހަގަވެފައި އޮންނަ ސިޓީއެކެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެންމެންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައި އޮތް ތަނަކީ މިއީއެވެ. މި ސިޓީ މިހާރު އޮތް ގޮތް ބެލުމެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިވި އިރު، އެމްޑީޕީ އޮތީ ރަނގަޅަށްވެސް ދެބައިވެ، އާ ޕާޓީއެއްވެސް އުފެދިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެކު އައްޑޫގެ މަންޒަރު ބަދަލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ހާއްސަކޮށް ޑިމޮކްރެޓްސް މީހުން ބުނަމުން ދިޔައީ އައްޑޫން އެމްޑީޕީ ރޫޅިއްޖެ ކަމަށެވެ. ބޮޑުކޮށް އެމީހުންނަށް އައްޑޫ ނެގޭނެ ކަމެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ދެ ދުވަހަށްވެފައި ވަނިކޮށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު މިވަނީ މި ސިޓީއަށް ވަޑައިގެންފައެވެ. މި ސިޓީން ސަމާލާފައި އޮތް ބޮޑު ދިގު ސަފުންވެސް ގިނަ ބަޔަކު އާޝޯހު ކޮށްލިއެވެ. އައްޑޫ ގަން އެއާޕޯޓުން ފެށިގެން އީކުއޭޓާ ވިލެޖާ ހަމައަށް ދަމާލާފައި އޮތް ދިގު ސަފުގައި ކުދި ބޮޑު އައްޑޫގެ ގާތްގަނޑަށް ދެހާހެއްހާ ރައްޔިތުން ރައީސަށް މަރުހަބާ ކިޔުމަށް ތިއްބެވެ.
"މިއީ މިހާތަނަށް ސިޔާސީ ފަރާތަކަށް މަރުހަބާ ކިޔަން ދަމާލި އެންމެ ދިގު ސަފު. ރައީސް ނަޝީދު މީގެ ކުރިން މި ސިޓީއަށް ވަޑައިގެންނެވި އިރުވެސް މިވަރުގެ ދިގު ސަފެއް ފެނިގެން ގޮސްފައެއް ނުވޭ. މިއީ ހަމަ މި ސިޓީގެ ރައްޔިތުން ރައީސަށް އޮތް ލޯބި ދައްކާލާފައި، އައްޑޫގެ އަސްލު ހަގީގީ މަންޒަރު މިއީ،" ސަފުގައި ވަރަށް ފޯރީގައި ރައީސަށް މަރުހަބާ ކިޔުމަށް ހުރި މި ސިޓީގެ ރައްޔިތަކު "ވަން" އަށް ބުންޏެވެ.
ރައީސް އައްޑޫއަށް ވަޑައިގެންނެވީ ދެ ނަމާދު ދޭތެރޭގައެވެ. އެއާޕޯޓުން ނުކުމެވަޑައިގެންނެވުން ސަފުގައި ފޯރި ނަގަން ތިބި މީހުންގެ އަޑުން "އެއް ބުރުން" މުޅި ސަރަހައްދުގައި ގުގުމަމުންދިޔައެވެ. ގާތްގަނޑަށް 7:05 ހާއިރު ސަފުގައި ތިބި ފަރާތްތަކާ ރައީސް ސަލާމްކުރައްވައި ސެލްފީ ނަންގަވަމުން ގެންދަވަން ފެއްޓެވިއެވެ. ރައީސްގެ ކެމްޕޭން ލަވަތަކާ އެކު އެ ސަރަހައްދުގައި ސަޕޯޓަރުން ދިޔައީ ފޯރި ނަގަމުންނެވެ.
އިކުއެޓާ ވިލެޖާ ހަމައަށް ދަމާލާފައިވާ އެ ސަފުން ބުނަމުން ދިޔައީ މިވަރުގެ ރައީސެއް ނުލިބޭނެ ކަމަށެވެ. މިއީ އައްޑޫއަށް އަޅާލި، އައްޑޫއަށް ތަރައްގީ ގެނެސްދެއްވި ރައީސެއް ކަމަށެވެ. އައްޑޫއަށް އިހުމާލު ނުވާ ހަމައެކަނި ރައީސް ކަމަށެވެ. ދެވަނަ ދައުރެއް އައްޑޫން ބޮޑުކޮށް ދޭނެ ކަމަށެވެ.
"އިނގިރޭސިންގެ ދުވަސްވަރުން ހުރި އެއާޕޯޓް ތަރައްގީ އެ ކުރަނީ. އެއާޕޯޓުގެ ތަރައްގީ އެ ފެންނަނީ މެކުހަށް ޖަހާތަން. މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެދަނީ ކުރިއަށް. މިދިޔަ ތިން ދައުރުގައި ނުގެންނަހާ ތަރައްގީ އެ ދަނި މި ސަރުކާރުން އެކަނި ގެނެސްދެމުން. މިއީ ހަމައެކަނި އައްޑޫއަށް އިހުމާލުނުވާ ސަރުކާރު،" އެރަށު ޒުވާނަކު ބުންޏެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކޮށްދިނުމަށް އައްޑޫ އޮތީ ވަރަށްވެސް ތައްޔާރަށްކަން މިއަދު ދަމާލާފައިވާ ސަފުންނާއި ދައްކާލި ލޯބިންވެސް އެކަން ސާފެވެ. އެ ސިޓީގެ ރައްޔިތުން ބުނާ ގޮތުގައި މިއަހަރުގެ އިންތިހާބު އައްޑޫން 70 ޕަސެންޓަށް ވުރެ މަތިން ރައީސަށް ވޯޓް ލިބޭނެއެވެ. ސިޓީގެ ރައްޔިތުން ތިބީ އެއްބުރުން ރައީސް ސޯލިހް ހޮވަން ތައްޔާރަށް ކަމަށެވެ.
"އައްޑޫގެ ރައްޔިތުންގެ ބޮޑު ތާއީދެއް ރައީސަށް އެބައޮތް، މި ސިޓީން ރައީސަށް 70 ޕަސެންޓަށް ވުރެ މަތިން ލިބިގެންދާނެ. ޝައްކެއްވެސް ނެތެންނު. މިހާރުވެސް ދަމާލާފައި އޮތް ސަފުން އެކަން ސާފުވާނެ އެންމެނަށްވެސް. އައްޑޫ އޮތީ ދޫދޭ ގޮތަކަށް ނޫން. އެއްބުރުން ރައީސް ހޮވާނެ. އައްޑޫން ތަފާތު ދައްކާނެ މިފަހަރު،" ސަފުގައި ހުރި އިތުރު މީހަކު ބުންޏެވެ.
ޑިމޮކްރެޓްސްއިން އައްޑޫގެ އެމްޑީޕީ ރޫޅާލަން ނުކުމެ، އެކަމަށް ގޮވާލަމުން ދާއިރު، މިއަދުގެ ދައްކާލި ތާއީދާއެކު އެމްޑީޕީން ދިނީ އެކަމަށް ވަރުގަދަ ރައްދެކެވެ.
"މިހާރުވެސް ދަމާލާފައި އޮތް ސަފުން ނުރޫޅޭނެ ކަން ހަމަ ޔަގީނުންވެސް އެންމެނަށް އެނގޭނެ. އެމްޑީޕީއަކީ ރޫޅޭނެ ޕާޓީއެއް ނޫން. ހާއްސަކޮށް އައްޑޫގެ އެމްޑީޕީއަކީ ރޫޅޭނެ ބައެއް ނޫން. މިތިބީ ވަރުގަދަކޮށް. ރޫޅާލެވޭނެ ހިތްވަރެއް އެމީހުންގެ ނެތް. އެމީހުން ރޫޅުން ނޫން ގޮތެއް ނުވާނެ،" އައްޑޫގެ އެމްޑީޕީގެ އިސް ފަރާތަކުން ބުންޏެވެ.
މިފަހަރުގެ އިންތިހާބު އައްޑޫއަށް ހާއްސަވާ އަނެއް ސަބަބަކީ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓަކަށް ހުންނެވި އިލްޔާސް ލަބީބަކީ އައްޑޫ ބޭފުޅަކަށް ވުމެވެ. އަދި ރައީސްގެ ރަނިންމޭޓަކަށް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މްމެބަރު މުހައްމަދު އަސްލަމަކީވެސް އައްޑޫ ބޭފުޅެކެވެ. އެހެންވެ އައްޑޫއަށް މިފަހަރުގެ ވާދަވެރިކަން ދެގުނައެވެ.
ދޮޅު ގަޑިއެއް ހާއިރު ރައީސް ހޭދަކުރެއްވީ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށެވެ. ދިގު ސަފުން ބުނަމުން ދިޔައީ އައްޑޫ އޮތީ ރައީސަށާއި އަސްލަމަށް މިފަހަރުގެ އިންތިހާބު އެއްބުރުން ކާމިޔާބު ކޮށްދިނުމަށް ވަރަށް ފޯރީގައެވެ. އައްޑޫން ބުނަމުންދަނީ މިއީ ރޫޅޭނެ ބައެއް ނޫން ކަމަށާއި އެއްބުރުން މި އިންތިހާބު ރައީސަށް ކާމިޔާބުކޮށްދޭނެ ކަމަށެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް