ޚަބަރު

މަންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހުކޮށްފި

އދ. މަންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި އައިކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

މަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ 17 އޮގަސްޓް 2016 ގައި އެ ރަށު ކައުންސިލާއި އައިކެއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރި ސީއެސްއާރު އެއްބަސްވުމެއްގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމެކެވެ. މިއަދު ވަނީ އެ ނިޒާމުގެ މަސައްކަތް އައިކެއާ އިން ނިންމައި މަންދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި މަންދޫ ކައުންސިލުން ވަނީ އެ ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝަރީފެވެ. މަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ، ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށްވާތީ ކަމަށެވެ.

އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ނިންމައި އެ ހިދުމަތް ދޭން ފެށުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާ އެކުގައި ކަމަށް ވިދާޅުވިއެވެ.

“މިރަށަށް، ސަރުކާރާއި އެމްޑީ ޝަރީފު ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށްވެސް މި އޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މި ވަނީ ބަދަލުކޮށްދެއްވާފައި. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވައިފި. މިއީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާތަކަކީވެސް” އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސަރުކާރާއި ސްޓެލްކޯގެ ނަމުގައި އައިކެއާއަށް ޝުކުރު އަދާކުރައްވައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމު ކަމަށެވެ. ނަމަވެސް ހަމަ އެކަނި ސަރުކާރާއި ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީ ކުރަންޖެހޭ ވަރަށް އެފަދަ މަސައްކަތްތައް ތަރައްގީ ނުކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

“އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން،” ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯއާ ހަމައަށް އެ ޕްރޮޖެކްޓް އައި އިރު، ރިކުއާމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މި ވަގުތު ގާއިމުކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި 74 ޓަނުގެ ދެ ސްޓޯރޭޖް ހުރުމުން ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރެ، ހަވާލުވުން ލަސްވި ނަމަވެސް މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މި ވަގުތު ގާއިމުކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށެވެ. އެހެން އެކަން އޮތް ނަމަވެސް، އެ ހިދުމަތް ހުއްޓުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ އެ ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއް ނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ތި ބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށްވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މި ފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއް ދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން އެއް ޓަނު ފެން ހިލޭ މިއަދުން ފެށިގެން ދޭނަން” ޝަރީފް ވިދާޅުވިއެވެ.