ރަޝިއާއާއި ސައުދީން ތެޔޮ އުފައްދާވަރު ކޮންޓްރޯލް ކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެެވެ.

ސައުދީއާއި ރަޝިއާއިން ތެޔޮ އުފައްދާ ނިސްބަތް ދަށް ކުރުމާއެކު ތެލުގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގައި 1.8 ޕަސެންޓް އިތުރުވެފައެވެ. އެއާއެކު މިހާރު ފީފާއެއް ލިބެނީ 90 ޑޮލަރަށެވެ.

ސައުދީގެ ހަކަތައާބެހޭ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ މި އަހަރުގެ ޑިސެމްބަރާ ހަމައަށް އެ ގައުމުން ދުވާލަކަށް އުފައްދާ ތެޔޮ ފީފާގެ މިންވަރު މިލިއަނެއްގައި ހިފެހެއްޓުމަށް އެ ގައުމުގެ ރަސްގެފާނުގެ އޮފީހުން އަންގަވާފައިވާ ކަމަށެވެ.

އަދި ޑިސެމްބަރުގެ ފަހުން އެ ގައުމުގައި އުފައްދާ ތެލުގެ މިންވަރު އިތުރުކުރުމަށް ނުވަތަ މިހާރު ހުރިވަރުގައި ބެހެއްޓުމާމެދު ފަހުން ގޮތެއް ނިންމުމަށް ރަސްގެފާނުގެ އޮފީހުން އަންގަވާފައިވާ ކަމަށް ބުނެފައިވެއެވެ.

ރަޝިއާއިން ތެޔޮ އުފައްދާ މިންވަރު ދަށް ކުރީ ހަނގުރާމައިގެ ތެރޭގައި އެ ގައުމު އޮތުމުން ތެލުގެ ރިޒާވް ބެލެންސްކޮށް އެއްވަރެއްގައި ހިފެހެއްޓުމަށެވެ. އެގޮތުން އެ ގައުމުން ދުވާލަކަށް އުފައްދާ ތެޔޮ ފީފާގެ އަދަދު 300،000 ގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.