ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތައް ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން މާފުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި ކަމަށާއި އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތެރޭގައި ވިދާޅުވެފައެވެ.
ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ވަކި ހާލަތަށް ރިއާޔަތްކޮށް، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"މީގެ ތެރޭގައި ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއި އެއް ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުމުން މައާފުކުރެވޭ ކަންކަން ވެސް ހިމެނެއެވެ،" ބަޔާނުގައިވެއެވެ.
މި ޓްރެއިން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށާއި އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ދެ ހަފުތާ އާއި އެއް މަސް ދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ރައީސް މިއަދު ވަނީ ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދިނުމަށް ވެސް ނިންމަވައިފައެވެ.
ސަރުކާރުން ބުނީ ރައީސް އެގޮތަށް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ. އޭގެ ތެރޭގައި މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ، ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިޔުމާއި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.
"އަދި ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދިއުމާއި މިކަން މިގޮތަށް ހިނގަމުންދާކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީއެވެ،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ އެގޮތަށް ރައީސް ނިންމެވީ ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މީގެ ސަބަބުން ޓްރެފިކް ގަވާއިދުތަކަށާއި އިޖުތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު