- ރ. އަނގޮޅިތީމުން އަލީ ރިފްޝާން
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ މަނިކުފާނުގެ ކޯލިޝަނަށް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ރ. އަނގޮޅިތީމަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށަކުންވެސް ފެނިގެންދަނީ ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއަށް ދާން ބޭނުންނުވާ މަންޒަރު ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއެކު ކުރިއަށްދާން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާ ހިސާބަށް މި ދެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން. މި މަސައްކަތް ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް، ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ވިސްނައިގެން. އެހެން ނޫން ނަމަ، ކުރިއެރުން ނުލިބުނީސް. އަޅުގަނޑުމެންނަށް މިހާރު މި އޮތީ 130،000 ވޯޓު ކަށަވަރު ކުރެވިފައި، އެއްވެސް ބަޔަކަށް އެއާ ހަމަނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީއޭ އާއި އަދާލަތާއެކު އެ މަނިކުފާނުގެ ކޯލިޝަނަކީ އެންމެ މެންބަރުން ގިނަ ކޯލިޝަން ކަމަށާއި ކޯލިޝަނަކާއެކު ސަރުކާރެއް ހިންގާ އިރު، ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ގައުމަށް ފައިދާ ވާނީ އެކި ހިޔާލުތަކާއެކު ކުރިއަށް ދިއުމުން ކަމަށެވެ.
ކުރިއަށް އޮތް ދައުރަށް ރައީސް ވަނީ އަނގޮޅިތީމަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށު ބަނދަރުގެ ނެރު އިރުމައްޗަށް ބަދަލުކޮށްދިނުމާއި ޓީ ޖެޓީ ނިންމުމާއި ބޮޑު ތިން މަގުގައި ތާރު އެޅުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއަށް އާ އިމާރާތެއް ހެދުމާއި ހޭންޑްބޯލް ކޯޓެއް ހެދުމުގެ އިތުރުން ޕޮލިސް ޕޯސްޓެއް ގާއިމުކޮށްދެއްވަން ވައުދުވެވަޑައިގެންނެވިއެވެެ.
ޚަބަރު
ޚަބަރު
ޚަބަރު