ޗައިނާއިން އެޅި ފިޔަވަޅުތަކުން އަރައިގަތުމަށް ޖަޕާނުން މަސްވެރީންނަށް 140 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފިއެވެ.

ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ރިއެކްޓަރުން އުކާލާ ފެން ޕެސިފިކް ކަނޑަށް އަޅަން ފެއްޓުމާއެކު އަވަށްޓެރި ގައުމުތަކުން ވަނީ ޖަޕާނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ނިއުކްލިއާ ފެނުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ކަމަށް ބުނެ ޗައިނާއިން ވަނީ ޖަޕާނުން އުފައްދާ މަސްވެރިކަމުގެ އެއްވެސް އުފެއްދުމެއް އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކަޝިޑާ ވަނީ އެގައުމުގެ ސަރުކާރުން 20.7 ބިލިއަން ޔެން (141.41 މިލިއަން ޑޮލަރު)ގެ އެހީ އެގައުމުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިނުމަށް ނިންމަވައިފައިވާކަން އިއުލާން ކުރައްވާފައެވެ.

ޖަޕާނުން މީގެ ކުރިން ވަނީ 80 ބިލިއަން ޔެންގެ ބޮޑު އެހީއެއް އެގައުމުގެ މަސްވެރިކަން ކުރިއެރުވުމަށް ވެސް ދީފައެވެ. އެގޮތުން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށްވެސް އެހީ ވާން އެގައުމުން ވަނީ ނިންމާފައެވެ.

ޖަޕާނުން ޕެސިފިކް ކަނޑަށް ނިއުކްލިއާ ފެން ބޭރުކުރަން ފެށުމާއެކު އަވަށްޓެރި ގައުމުތަކުން ވަނީ އެކަމާދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަން ފަށާފައެވެ.