ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރު އެޖެންޑާއެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް ދެން ހިމެނޭ އެމްޑީއޭ އަކީ 2018ގެ އިންތިހާބުގައި އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީއެއް ނޫނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ނިމެންދެން އެމްޑީއޭ އެ ސަރުކާރުގައި ދެމިއޮތެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ހދ. ކުރިނބިއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ސިޔާމާއި އިމްރާނަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ވިދާޅުވިގޮތުގައި އެބޭފުޅުންނަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތެވެ.
"ސިޔާމާއި އިމްރާނަކީ މުޅި ރާއްޖެއަށް އޮޅޭނެ ބޭފުޅުންނެއް ނޫން. ރައްޔިތުންނަށްޓަކައި އެތައް ބައިވަރު ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ދެ ބޭފުޅުން. މުޅިން ދެ ދާއިރާއަކުން ކަމަށްވިޔަސް، ރައްޔިތުން ބޭނުންވާ އެތައް އެތައް ކަމެއް ކޮށްދެއްވާ. އެއިން އެއްވެސް ބޭފުޅެއްގެ ނެތް އިތުރު އެހެން އެޖެންޑާއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރު އެބޭފުޅުންގެ ލަފައާ އެކު މި ދައުރަށްވުރެ މަސައްކަތަށް ފަސޭހަވާނެ ކަމަށާއި ކަންކަމުގައި އެބޭފުޅުންގެ ލަފާ ހޯއްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު