ހދ. ނެއްލައިދޫގެ ކައިރީގައި އޮންނަ ހިރިނައިދޫގެ އިހުތިސޯސް ނެއްލައިދޫގެ ކައުންސިލްގެ ދަށަށް ބަދަލުކޮށް، އެރަށުގައި އިގުތިސޯދީ މަސައްކަތް ކުރެވޭ ގޮތް ހަދައިދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ނެއްލައިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ހިރިނައިދޫގައި ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ.
"ހިރިނައިދޫ އިގުތިސޯދީ މަސައްކަތް ކުރެވޭ ތަނަކަށް ބަދަލުކުރެވޭނަން. އެކަން ކުރުމަށްޓަކައި މިރަށް މިވަގުތު މިއޮތީ ވަރުވާއަށް ލިޔެދީފަ. އެކަން އިރާދަކުރެއްވިއްޔާ ބަދަލުކޮށް ކައުންސިލާ ހަވާލުކޮށް ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭ ތަނަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދަައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ، ނެއްލައިދޫގައި ޒަމާނީ މިސްކިތެއް ހަދައި، އެ ރަށު މަގުތައް ހަދައިދެއްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ސްކޫލުގެ ޖާގަ ބޮޑުކޮށް، ވަސީލަތް ހޯދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނެއްލައިދޫގައި ފުލެޓް ހަދައި، އޮޑި އެހެލާ ސަރަހައްދެއް ވެސް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ޖަޒީރާ ރާއްޖެ މެނިފެސްޓޯއާ އެކު ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަމަށެވެ. މިއަދާ ހިސާބަށް އައިއިރު އެކަމުގެ ވަރަށް ގިނަ ކަންކަން ފުރިހަމަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބެއްގައި ތިން ފަހަރު ވޯޓުލާން ޖެހުނު ހަނދާން ރައްޔިތުން އެބަހުރި ކަމަށާއި ހަމަ އެ ފަރާތްތައް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބޭފުޅުން ހޮވިއްޖެނަމަ ގައުމަށް ކުރިމަތިވާނެ ނާމާންކަމާއި ބިރުވެރިކަމަށް ރައްޔިތުން ވިސްނާލުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ބޮޑު ތިލަދުންމަތި ތަރައްގީކުރުމުގެ ގޮތުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ފަށާފައިވާ ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަކީ މިހާރު ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައިވާ ސަރަހަދެއްކަމުން، އެއާޕޯޓުގެ މަޝްރޫއު ނިމުމުން އެކަމުގެ ފައިދާ ސަރަހައްދުގެ ރަށްތަކަށް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެވަނަ ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ އިގުތިސޯދު ކުރިއެރުވުމަށް ކަމަށާއި އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މިހާރަށްވުރެ ބޮޑަށް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނަކީ ވައުދު ފުއްދަވާ ބޭފުޅެއްކަން މި ފަސް އަހަރަށް ބެލުމުން އެނގޭނެ ކަމަށާއި ރައްޔިތުން ވެސް އެކަން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު