އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ބެހޭގޮތުން ޝަކުވާ ކުށަހަޅަން ގާއިމުކޮށްފައިވާ ކޮމްޕުލެއިންސް ބިއުރޯއަށް މިހާތަނަށް 26 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެކަމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، އޭގެ ތެރެއިން 17 މައްސަލަ ބަލައި މިހާރު ޖަވާބުދީފައިވާ ކަމަށެވެ. އަދި ނުވަ މައްސަލައެއް ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމްޕުލެއިންސް ބިއުރޯ މާލޭގައި ގާއިމް ކޮށްފައިވާ އިރު، އަތޮޅުތަކުގައި ސިޓީ ކައުންސިލް ކޮމްޕުލެއިންސް ބިއުރޯ އާއި އަތޮޅު ކޮމްޕުލެއިންސް ބިއުރޯތައްވެސް އުފައްދާފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރޭގައި މި އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު 27،000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ހަ ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 8 ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.