• ހދ. ވައިކަރަދޫން އަލީ ރިފްޝާން

ބޮޑުތިލަދުންމަތީގެ ދަނޑުވެރިންނަށް ހާއްސަކޮށްގެން މި ސަރަހައްދަށް ކާގޯ ފެރީގެ ނިޒާމު ހަމަޖައްސައި ދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ވައިކަރަދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ރަށަކީ ދަނޑުވެރިކަމަށް ހާއްސަ ރަށެއް ކަމަށާއި އެހެންކަމުން ދަނޑުވެރިން ހައްދާ ތަކެތިން ރަނގަޅު އަގެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"ދަނޑުވެރިން ބޭނުންވަނީ އެ ހައްދާ ތަކެތި ތާޒާކަމާއެކު ފޮނުވައި، އެ އެއްޗެއްސަށް ރަނގަޅު އަގެއް. އާރުޓީއެލުން ކޮންމެވެސް ވަރަކަށް އެކަން ކުރެވުނު ނަމަވެސް، އެންމެ އެދެވޭ ގޮތުގައި އަދި ދަނޑުވެރިންނަށް އެކަން ހަމަޖެހިފައެއް ނުވޭ. އެހެންކަމުން އެމްޓީސީސީ މެދުވެރިކޮށް، ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން މި ސަރަހައްދަށް ކާގޯ ފެރީއެއް ބާއްވާނަން. އޭރުން ދަނޑުވެރިން އެ ހައްދާ ތަކެއްޗަށް ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށް ދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަމަށް އަމާޒުކޮށް ކުދި ވިޔަފާރިތަކުގައި އުޅޭ ދަނޑުވެރިންނަށް މައިކްރޯ ފައިނޭންސް ހޯދައިދީ، ބިން ހޯދޭނެ މަގު ފަހޮކޮށްދެއްވާނެ ކަމަށާއި ކުޑަ އިންޓަރެސްޓުގައި ލޯނު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުން އެސްޕޯޓް ވެލިއު ޗެއިނެއް ގާއިމުކޮށް ބައިނަލްއަގުވާމީ މާކެޓުގައި މޭވާއާއި ތަރުކާޒީ ވިއްކޭ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ވައިކަރަދުއަށް ހާއްސަކޮށްގެންވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ރޯހައުސް ހެދުމާއި ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމާއި މޫދަށް އެރޭ ސަރަހައްދަކާއި ސްކޭޓް ޕާކެއް ހެދުމާއި ޓޫރިޒަމުން ފައިދާތަކެއް ހޯދައިދެއްވަން ވައުދުވެވަޑައިގެންނެވިއެވެ.