• ހދ. ނޭކުރެންދޫން އަލީ ރިފްޝާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނާ ހަވާލުކޮށް ތަހުގީގު ކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޯނީ ރިޕޯޓަކީ 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ތައްޔާރުކޮށް ނެރުނު ރިޕޯޓެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިއަދު ހެނދުނު ހދ. ނޭކުރެންދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކޯނީ ރިޕޯޓަށް ހެދި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ތިޔަ ބޭފުޅުން ކޯނީ ރިޕޯޓު އޮތްތޯ ބައްލަވާ. އެ ވީ ތަނެއް މިހާރު ނޭނގޭ. އެ ހޯދަން މިހާރު ވާނީ ފުލުހުންނާ ހަވާލުކޮށްފައި. އަޅުގަނޑުމެން ފުލުސް އޮފީހާ ހަވާލުކޮށް ބަލަމުން މި ގެންދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ޖުޑީޝަރީއަށްވެސް މިނިވަން ކަމެއް ނެތް ކަމަށާއި ވެރިޔަކަށް ހުންނަ މީހަކަށް ޖުޑީޝަރީގެ ތެރެއަށް އަތެއް ނުބޭނޭނެ ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދޭއިރު، ދެ ސަރުކާރުން ކަން ކޮށްފައިވާ ގޮތަށް ވިސްނަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.