ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ ދެ ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ގުޅާލަން ނިންމާފައި ވަނީ ޖުމުލަ ތިން ރަށެވެ. އެއީ ހިތަދޫއާއި ކުނަހަންދޫ ދޭ ތެރޭގައި އޮތް "މެންދޫ" ކިޔާ ފަޅު ރަށެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 75.2 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 22,408 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 390 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި 225 މީޓަރުގެ ބްރިޖެއް އެޅުމާއި 3،006 އަކަ މީޓަރުގެ ކެރިއެޖްވޭއެއް ހެދުމާއި 85 މީޓަރުގެ ރިޓެއިނިން ވޯލްއެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) ހެދުމަށްފަހު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ނިންމަން ދީފައިވަނީ 500 ދުވަހެވެ.