Close
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރެކޯޑު 28 މެޑަލް އާއެކު ރާއްޖެ އަންނަ ޓީމަށް ކުލަގަދަ މަރުހަބާއަކަށް ތައްޔާރުވަނީ!

މަޑަގަސްކަރައިގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 އިން ކާމިޔާބު ހޯދި ދިވެހި ކޮންޓިޖެންޓަށް މަރުހަބާ ކިޔުމުގެ ހާއްސަ އިވެންޓެއް އަންގާރަ ދުވަހު ބާއްވަން ނިންމައި އެ އިވެންޓަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރަސްމީކޮށް ދައުވަތު އަރުވައިފައެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމާއެކު ހާއްސަ ހަރަކާތެއް ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމާފައިވާ ކަމަށާއި އިވެންޓްގެ ތައްޔާރީތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އިވެންޓް ރޭވުމަށް މިހާރުވެސް އެކިއެކި އިދާރާ ތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ފަހަރުގެ އައިއޯއައިޖީއަކީ ރާއްޖޭގެ އެންމެ ކުޅިވަރު ތާރީހުގައިވެސް އެންމެ ކާމިޔާބު ގޭމްސްއެވެ. މީގެ ކުރިން މަލްޓި ސްޕޯޓްސް އިވެންޓެއްގައި ވާދަކޮށް ރާއްޖެއަށް އެންމެ ގިނައިން ހޯދިފައި އޮތީ 15 މެޑަލްއެވެ. އެއީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީންނެވެ. އެ ރެކޯޑު މުގުރާލުމަށް މިފަހަރު ދިވެހި ކޮންޓިޖެންޓުން މަޑަގަސްކަރައަށް ގޮސް، 28 މެޑަލް ހޯދާފައިވެއެވެ.

މި ފަހަރު ރާއްޖެއިން ފަސް ރަން މެޑަލްއާއި ނުވަ ރިހި މެޑަލް އަދި 14 ބްރޯންޒް މެޑަލް ހޯދާފައިވެއެވެ. އޭގެ ތެރެއިން ރަން މެޑަލް ހޯދީ ޓީޓީންނާއި ބެޑްމިންޓަނުންނެވެ. ރާއްޖޭގެ ޓީޓީ އެތުލީޓިން ޖުމުލަ ހަތަރު ރަން މެޑަލް ހޯދި އިރު، ބެޑްމިންޓަންގައި ރަން މެޑަލް ހޯދީ ފާތިމަތު ނަބާހާއާއި އައިމިނަތު ނަބީހާއެވެ. އޭގެ އިތުރުންވެސް ތާރީހީ މެޑަލްތަކެއް މި ފަހަރު ޓީމުން ހޯދާފައިވާ އިރު، އެ ދެ ކުޅިވަރުގެ އިތުރުން ދެން މެޑަލް ހޯދީ ޓައިކްވޮންޑޯ، ޕެރަ އެތުލެޓިކްސް، އެތުލެޓިކްސްގެ އިތުރުން ބާސްކެޓުންނެވެ. ބާސްކެޓުން މެޑަލް ހޯދީ ތްރީ އޮން ތްރީ އިވެންޓްގައެވެ.