- ހދ. ފިނޭ އިން އަލީ ރިފްޝާން
އަނިޔާވެރިކަން ހުއްޓުވާނަމޭ ކިޔާފައި ނުކުންނަނީ ރައްޔިތުންނަށް އަނިޔާކުރި ބޭފުޅުން ކަމަށާއި އެބޭފުޅުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެސް އަނިޔާވެރިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރުފަހު ހދ. ފިނޭއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އެމަނިކުފާނާ ދެކޮޅަށް ނުކުންނަވަނީ ކުރިން ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ނުވަތަ ނުފޫޒުގަދަކޮށް މަސައްކަތްކުރެއްވި ބޭފުޅުން ކަމަށެވެ.
"ވާދަވެރިންނާ މެދު ތިޔަބޭފުޅުން ވަރަށް ވިސްނައިވަޑައިގަންނަވަން ވާނެ. ބައެއް ބޭފުޅުން ނުކުމެ ތިމަންނަގެ އަމާޒަކީ އަނިޔާވެރިކަން ނައްތާލުމޭ، ހަމަޖެހުން ގެނެސްދޭށޭ ވިދާޅުވަމުން ގެންދަވަނީ. އެބޭފުޅުންގެ ވެރިކަމުގައި ހާލަތު އޮތް ގޮތް ތަސައްވަރުކޮށްލައްވާ. އަނިޔާވެރިކަން ނައްތާލާނަމޭ ކިޔާފައި އައިސް، އަންނާނީ ހިފައި ހައްޔަރުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެބޭފުޅުން ނުރުހޭ އެއްޗެއް ބުނާ މީހަކާ އެބޭފުޅުން ބައްދަލެއް ނުކުރާނެ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ރައްޔިތުން އަޑުއަހައި، އިހުސާސްތައް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
"ސިޔާސީ ހިޔާލުތަފާތުވުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެން މިދަނީ ތަފާތުކުރުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތުނުކޮށް، މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދިނުން. އެހެން ބޭފުޅުން އުޅެނީ އަމިއްލަ ފައިދާއަށްޓަކައި. ވެރިކަމަށް އައިސް ވެސް، އެބޭފުޅުން ކަމެއް ނުކޮށްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދައުރަށް ރައީސް ވަނީ ފިނޭއަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި ހައުސިން ޔުނިޓުތައް ހެދުމާއި ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދިނުން އަދި ރައްޔިތުންނަށް މޫދަށް އެރޭ ސަރަހައްދެއް ގާއިމުކޮށްދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު