• ހދ. ހިރިމަރަދޫން އަލީ ރިފްޝާން

ވާދަވެރިންގެ ރާޑަރަށް ކުދި ރަށްތައް އަރަނީ ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ކަމަށާއި ނަމަވެސް މި ސަރުކާރަކީ ތަފާތުކުރުންތައް ގެންގުޅޭ ސަރުކާރެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރުފަހު ހދ. ހިރިމަރަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަމުން ރައީސް ވިދާޅުވީ ވާދަވެރިންނާއި އެމަނިކުފާނުގެ ސިޔާސަތުތަކާ ވަރަށް ތަފާތުވާނެ ކަމަށާއި އެބޭފުޅުން ވިސްނުމަކީ ހަމައެކަނި ބޮޑެތި ރަށްތަކަށް ތަރައްގީ ގެނައުން ކަމަށެވެ.

"މާޒީއަށް ޖެހިލައި އެބޭފުޅުން ކަން ކުރަމުން އައި ގޮތް ވަރަށް ސާފުކޮށް ފެންނާނެ. މިއީ އެބޭފުޅުންގެ ރާޑަރަށް ދުވަހަކު ވެސް އެރި ރަށްތަކެއް ނޫން. ބޭނުންވަނީ ބޮޑެތި އާބާދީތައް ތަރައްގީކުރަން. ހަމައެކަނި ވޯޓަށްޓަކައި އެބޭފުޅުންގެ ވިސްނުން ބަދަލުކޮށްފި. އެއީ ހަމައެކަނި އިންތިހާބަށް މަސައްކަތްކުރާތީ ވާ ގޮތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ދިގު ރާސްތާގެ ޕްލޭނެއް އޮވެގެން ކަމަށާއި އެކަމަށްޓަކައި މަދުވެގެން ދިހަ އަހަރު ބޭނުންވާނެ ކަމަށެވެ. އެހެން ނޫން ނަމަ، ގެންނަން ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ، އެ ޕްރޮޖެކްޓުތަކެއް ނިންމައެއް ނުލެވޭނެ. އެހެންވެ އަޅުގަނޑުމެންނަށް ދެވަނަ ދައުރެއް ބޭނުންވަނީ. އޭރުން ރައްޔިތުން އެދޭ ހެޔޮ ބަދަލު، އުފާވެރި އަމާން ރާއްޖެ ކަށަވަރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރަށް ހިރިމަރަދުއަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބަނދަރު މަރާމާތުކޮށް ބޮޑުކޮށްދިނުމާއި މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމާއި ބޮޑެތި މަގުތަކުގައި ތާރުއަޅައި މަގުތައް ހަދައިދިނުން އަދި ސިއްހީ މަރުކަޒުން ރަނގަޅު ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.