- ހދ. ނޮޅިވަރަމުން އަލީ ރިފްޝާން
ކުރީ ސަރުކާރުން ފަޅުތަކާއި ރަށްތައް ވިއްކައި، އަމިއްލަ އެކައުންޓަށް ޖަމާކުރަމުންދިޔަ ކަމަށާއި އަލުން އެ ފުރުސަތު ދީފި ނަމަ، ދެން ހުރި ފަޅުތަކާއި ރަށްތައް ވިއްކާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ވޯޓަކީ ރާއްޖޭގެ ތަސައްވަރާ ގުޅިފައިވާ ވޯޓެއް ކަމަށާއި އަނެއްކާވެސް ކުރިން އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާން ކަމަށް ގޮސްދާނެކަމުގެ ބިރު އޮތުމުން ވިސްނުންތެރިކަމާ އެކު ވޯޓު ދޭން ޖެހޭ ކަމަށެވެ.
"މީގެ ކުރިން 2013 އިން 2018 އަށް އޮތް ވެރިކަމުގައި ކަންތައް ވެގެންދިޔަ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް. ފަޅުތަކާއި ރަށްތައް ވިއްކާލައި، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީ. އެތައް ބިލިއަން ރުފިޔާއެއް ގެއްލިގެން ދިޔައީ. އެބޭފުޅުން މިފަހަރުވެސް ކުރިމަތިލައިގެން އެބައުޅޭ. އެބޭފުޅުންނަށް ވެރިކަން ލިބިއްޖެއްޔާ ދެން ހުރި ފަޅުތަކާއި ދެން ހުރި ރަށްތައް ވެސް ވިއްކާލާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށެވެ. އަދި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ބޮޑުތިލަދުންމައްޗަށް އޮތީ މިހާރަށްވުރެ ބޮޑު އިގުތިސާދީ ޕްލޭނެއް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ 1.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށް އެއާޕޯޓު ތަރައްގީކުރުމަށް. އެކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އެހެން ބަޔަކަށް ފުރުސަތު ދީފި ނަމަ، ފަށާފައި މިހުރި މަސައްކަތަށް ހުއްޓުމެއް އަތުވެދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް ވެގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ހެދުމާއި މި ރަށުގެ ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމާއި ސިއްހީ މަރުކަޒުން ހޮސްޕިޓަލު ފެންވަރުގެ ހިދުމަތްދޭ ގޮތަށް ހެދުން އަދި ބަނދަރު ބޮޑުކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު