ކުރީގެ ރައީސުންނަށް އަދަބުވެރިކަމާ އެކު އުޅެވެން ޖެހޭނެ ކަމަށާއި ސިޔާސީ ބޭނުމަށް އެފަރާތްތައް ހައްޔަރު ކޮށްގެން ނުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އެއް ސަބަބަކީ އިންސާފާއި ހަމަހަމަކަން ރާއްޖޭގައި ގާއިމު ކުރުމަށް ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސުން ފަހަތުން ދުވުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމީ އެކަން އެންމެ ކައިރިން ފެނުނު އެކަކު،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުހައްގު އަދަބެއްގައި ތިން އަހަރާ ބައި ވަންދެން އޭނާ ޖަލުގައި އޮންނެވި އިރު، އެހެން ގޮޅިއެއްގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އޮންނެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. އެއީ ދުވަހަކުވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޭފުޅުންނަށް ޝަރަފުވެރިކަމާ އެކު، މި ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ޝަރަފުވެރިކަމާއެކު އަބުރުވެރިކަމާއެކު އުޅެވެންޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އެބޭފުޅުން ފަހަތުން ދުވާހަކަށް ނުޖެހެ. އަޅުގަނޑުގެ ސަރުކާރެއްގައި އެބޭފުޅުން ތިބޭނީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކީގައިކަން އަޅުގަނޑު ޔަގީންކަން އަރުވަން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ޖުޑީޝަރީ އިސްލާހު ކޮށްގެން ކަމަށާއި އޭނާގެ ސަރުކާރެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން ބަދަލުކުރާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ މިނިވަންކަމާއެކު މަސައްކަތް ކުރެއްވޭނެ ފަރާތްތަކެއްގެ ގޮތުގައި ހަދާނެ ކަމަށާއި ފަނޑިޔާރުން ކުރައްވާ ހުކުމަކީ ހައްގު ހުކުމެއް ކަމަށް ހެދުމަށް އެބޭފުޅުން ތަމްރީނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.