މިލިޓަރީ މަސައްކަތެއް ކުރަން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ސަންގު ބަހުސް"ގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމުގެ ސަބަބުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލާ ގުޅޭ ގޮތުން މޮޑަރޭޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ މަސައްކަތެއް ކުރަން ރާއްޖޭގައި މީގެ ކުރީންވެސް އަދި މިހާރަކުވެސް ނެތް ކަމަށެވެ. ނަމަވެސް ދޭދޭ ގައުމުތަކާ އެކު އޮންނަ އެއްބަސްވުންތަކުގެ ތެރެއިން އެކިއެކި ތަމްރީނުތައް ހެދުމަށް ބޭރުގެ އެކި ގައުމުތަކުގެ ސިފައިން ރާއްޖެއަށް އަންނަ ކަމަށެވެ.

"މިއަދަކުވެސް މިލިޓަރީ މަސައްކަތެއް ކުރާކަށް އެއްވެސް ގައުމެއްގެ ސިފައިންނެއް މި ރާއްޖެއަކު ނެތް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރާން ދައުލަތުން މަސައްކަތް ކުރާ ވާހަކަ އާއި ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށް އެމްއެންޑީއެފުންވެސް މީގެ ކުރިން ބުނެފައިވާ ކަމަށް މޮޑަރޭޓަރު ބުނުމުންވެސް ރައީސް ދެއްވީ އެއް ޖަވާބެކެވެ.