ވޯޓަށް އެއްވެސް ޕާޓީއަކަށް އަމިއްލަ ނަފްސު ވިއްކާ ނުލުމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރޭ ގޮވާލައްވައިފި އެވެ.

ހުޅުމާލެ ފޭސް-2 ހަދާފައިވާ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މި ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާ ނަހުލާ ވިދާޅުވީ ޒުވާނުންނަކީ މާދަމާގެ މުސްތަގުބަލު ކަމާއި ގައުމުގެ ޝަރަފު ކަމަށް ސިޔާސީ މީހުން ބުނި ނަމަވެސް އެއީ ހަގީގަތުގައި އެއްވެސް އަގެއް ހުރެގެން އެ ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

އަދި ސިޔާސީ މީހުން ޒުވާނުން ގެންގުޅެނީ "ރާޒުވާ ކުޅިބަޔަކަށް" ހަދައިގެން ކަމަށާއި ޒުވާނުންނަށް ދެނީ "ފެން ކައްކާ ބޮލީގެ އިއްޒަތް" ކަމަށް ވިދާޅުވެ ނަހުލާ ވަނީ ސިކުނޑީގައި ތެތްކަމެއް ބަހައްޓައިގެން, ލޯ ހުޅުވައިގެން ޒުވާނުން އެކަމަށް ވަރަށް ރަނގަޅަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ.

"ލިބޭ ފައިދާއެއް ނުނަގާށޭ ނުބުނާނަން. ނަގަންވީ. އަޅުގަނޑުމެންގެ ހައްގު، ރައްޔިތުންގެ ހައްގު، ތި ޒުވާން ޖީލުގެ ހައްގު. ކޮންމެ ދިމާލަކުން ކޮންމެ ކުލައަކުން އެއްޗެއް ލިބުނަސް ހިފާތި. އެކަމަކު ނަފުސު ވިއްކާނުލައްޗޭ. އަޅުގަނޑުމެންގެ ނަފުސު ވަރަށް އަގުބޮޑު،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމްގެ ވެރިކަމެއްގައި ޒުވާނުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށާއި ޖޭޕީގެ ސަރުކާރެއްގައި ކަންކަމުގައި ގޮތް ނިންމުމުގައި އެންމެ އިސްސަފުގައި ތިބޭނެ އެއް ބަޔަކީވެސް ޒުވާނުން ކަމަށެވެ. އަދި ޒުވާނުންގެ އީޖާދީ ވިސްނުންތަކަށް ގާސިމް އިސްކަން ދެއްވާނެ ކަމަށާއި އޭނާއަކީ ކުރިއަށް ވިސްނަވާ "ވިޝަނަރީ" ލީޑަރެއް ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަހުލާ ވަނީ ގާސިމުގެ ނަން ހުތުރު ކުރަން ސޯޝަލް މީޑިއާގައި އާންމުން ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވައިފައެވެ.

"ސޯޝަލް މީޑިއާގައި ގާސިމް ހުތުރުކުރަން ސޭޓު ފަޅެއް ދަމައިގެންފި، މަހުޖަނު ރަށެއް ކާލައިފި، ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަނެއް ނަގައިގެން ބުރުމާ ގާސިމް އިންނާނީ ގޭގައި. އަޅުގަނޑުމެންގެ މި ތިބަ ލޮބުވެތި ޒުވާނުންނަށް އަދި މި ރާއްޖޭގެ ގިނަ ޒުވާނުން ގާސިމް އިބްރާހިމް އެނގޭ ގޮތަކީ މިއީ،" ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް ނަހުލާ ވިދާޅުވި ގޮތުގައި، ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް ކަމަށެވެ.