މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ އެ މީހަކު ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް ކަމަށް މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ހައްގުތަކަށް ފަހު، ދެން އަދާކުރަންޖެހޭ އެންމެ އިސް ހައްގަކީ މައިންބަފައިންނަށް އަދާކުރަން ޖެހޭ ހައްގު ކަމަށެވެ. އަދި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އެކަމަށް ބާރުއަޅުއްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މައިިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމް ވެގެންދާނޭ ކަމެއް ކަމަށާއި މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، މައިންބަފައިންނަށް އަޅައިލުމާއި ކެމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ނުވާނެ ކަމެއް ކަމަށާއި މައިންބަފައިން ހިތުގައި ޖެހުނަ ދީގެން ނުވާނެ ކަމަށެވެ. އަދި މައިންބަފައިން އެއްވެސް ކަމަކަށް އެދޭ ނަމަ އެކަމެއް އަވަހަށް ކޮށްދޭން ވާނެ ކަމަށާއި ނަމަވެސް އެ މީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިޔަސް ދަރިން މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަންވާނެ ކަމަށް ބުންޏެވެ.