ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، މާލެއާ ދުރުގައި ހުރި ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ޓީޖީއެސްޓީގެ ލުޔެއްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ، ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރަނިންމޭޓް ޓޯކް ޝޯގައި ރޭ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ މައިގަނޑު ދާއިރާއަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމަށެވެ.

"މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމަށް އެންމެ މުހިންމު ކަމަކީ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުން. އަދި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްޓަކައި ގައުމީ އެއާލައިން މެދުވެރިކޮށް އެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ގޮތްތަކެއް ހެދުން. މާލެއާ ދުރުގައި ހުރި ރިސޯޓުތައް އަދި ގެސްޓްހައުސް ކަމަށްވިޔަސް ޓީޖީއެސްޓީއަށް ލުއިތަކެއް ގެނެސްދޭން ޖެހޭ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް ވެލިއު އެޑް ކުރަން ވާނީ ރާއްޖޭގައި ކަމަށެވެ. އޭރުން ރާއްޖެއަށް މަހުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ފޮރިން ކަރަންސީ އިތުރުކުރުމަށް ޓްރާންސްޝިޕްމެންޓް ބަނދަރުތަކެއް ހަދަންޖެހޭ ކަމަށެވެ. އެއީ ކިތަންމެ ކުޑަކޮށް ނަމަވެސް ފަށައިގަންނަން ޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި އެކަމުގެ ޕްލޭންތައް މިހާރު ހަދާއިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

ގައުމީ ޝިޕިން ލައިނެއް މިހާރު އުފައްދާފައިވާ ކަމަށާއި އެ ޝިޕިން ލައިން މިހާރަށްވުރެ ބޮޑަށް ފުޅާކޮށް، އެހެން ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކޮށް، ރާއްޖެއިން ބޭރަށް މާލީ ހިދުމަތްތައް ދެވޭނެ ގޮތްތައް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވަނީ، ރާއްޖެއިން ބޭރުން ގިނައިން ފައިސާތަކެއް ވަންނާނެ ގޮތެއް ހޯދުން ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށް އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. ވިޔަފާރީގެ ގޮތުން ތަކެތި އުފައްދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި، ރާއްޖެއިން ބޭރުގައި އެތަކެތި ވިއްކޭނެ ގޮތް ހަދައިދޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.