ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ނުކުރެވޭ ނަމަ، މި ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ, އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދުއަށް ވަޑައިގެން އެ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫގައި މިއަދު ޕާސްޕޯޓް ހެދޭނެ އިންތިޒާމު ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ސަރުކާރުގެ ފުރަތަމަ ވިސްނުމަކީ ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން ކަމަށެވެ.

"އެކަން އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތަށް ނުކުރެވޭ ކަމަށްވާ ނަމަ, އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން. ބަލާކަށް ނުތިބޭނަން. އެނގިވަޑައިގަންނަވާނެ މިދިޔަ ހަފުތާ ތެރޭގައި ވާނެ އެކޮނޮމިކް ކައުންސިލުން މުހިންމު ދެ ކަމެއް ނިންމާފަ. އެއް ކަމަކީ ތިނަދޫގެ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުން. އެއާއެކީގައި އަޅުގަނޑު މި ދަންނަވާހެން ކާޑެއްދޫ, އިންޓަނޭޝަނަލް އެއާޕޯޓަކަށް ނުވާ ކަމަށް ވަންޔާ މި ޕްރޮޖެކްޓާ އެކީގައި މި ތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހިދުމަތް ދޭން ފަށާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ހުވަދު އަތޮޅަށާއި ތިނަދޫއަށް ސަރުކާރުން ގެންނަން ބޭނުންވަނީ ބޮޑު, ހެޔޮ އަދި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން ރަށުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ސޮއިކޮށްފައިވާއިރު, ސިނާއީ ގޮތުން ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ ކޮމާޝަލް ހާބަރަށް ބޭރުން ސީދާ ބޯޓު ފަހަރު އައިސް މުދާ ބާލައި, މުދާ ބަރުކޮށްގެން ރާއްޖެއިން ބޭރަށް ގެންދާނެ ކަމަށެވެ. އެއާއެކުގައި ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްޕީއެލް ފަދަ އެތައް މުއައްސަސާއެއްގެ މަސައްކަތް ފެށުމުން އެތައް ސަތޭކަވަޒީފާތައް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހުވަދު އަތޮޅާއި ތިނަދޫއަކީ މަސްވެރިކަމަށް އަރާ އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 120 ޓަނުގެ ފްރީޒިން ކެޕޭސިޓީއާއެކު މަސައްކަތް ފަށައިގަތުމުން ސީދާ ތިނަދޫން މަސް ކިރަން ފަށާނެ ކަމަށެވެ.