އޮންލައިންކޮށް ލޯބީގެ ސްކޭމްތަކެއް ހިންގަމުންދިޔަ ޗައިނާގެ 88 މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑޮނީޝިއާގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި 88 މީހުން ވަނީ އޮޅުވާލައިގެން ލޯބީގެ ސްކޭމްތައް ހިންގައި 100 އަށްވުރެން ގިނަ މީހުންނަށް ލަނޑު ދީފައިކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

އިންޑޮނީޝިއާގެ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 83 ފިރިހެނުންނާއި ފަސް އަންހެނުންނެވެ.

ފުލުހުން ވަނީ ސްކޭމްގައި ޖައްސައި، އެތައް ބަޔަކު ބްލެކްމެއިލްކޮށްގެން ގިނަ އަދަދެއްގެ ފައިސާވެސް އެ މީހުން ހޯދައިފައިވާކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި ސްކޭމް ތަކުގައި ސަރުކާރުގެ އޮފިޝަލުން ވެސް ބައިވެރިވެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު އެކަމުގައި އިންޑޮނީޝިއާގެ މީހެއްގެ ބައިވެރިވުން އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެގައުމުގެ ބަޔަކު ނުހިމެނޭ ނަމަ ސްކޭމް ހިންގި ޗައިނާ އެންމެން ޑީޕޯޓު ކުރާނެ ކަމަށް ބުނެފައެވެ.