ފަށްކަނޑަން މީހަކާ އިންކަމުގެ ކުށުގައި ދެ މީހަކު 5،000 ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ނިންމި އެ މައްސަލައަކީ ވަރި ސާބިތުކުރުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ހިމެނޭ އަންހެން މީހާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށްވެފައި ވަނިކޮށް ވަނީ މައްސަލައިގައި ހިމެނޭ ފިރިހެން މީހާއާ ކައިވެނިކޮށްފައެވެ.
އެހެންވެ ފެމިލީ ކޯޓުން ވަނީ އެ ކައިވެނީގެ އަގުދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި ކައިވެނީގެ އަގުދުވުމުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށް ބަލައިފައެވެ. އަދި ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެ މީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައެވެ.
އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ފެމިލީ ކޯޓުން ނިންމީ އެ ދެ މީހުން ވަނީ ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ރާވައިގެން ކައިވެނިކޮށްފައި ކަމަށެވެ.
އެހެންވެ އެ މައްސަލައިގެ ހުކުމުގައި ފެމިލީ ކޯޓުން ބުނީ ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކައި މީހަކާ އިނުމަކީ ކުށެއް ކަމަށެވެ.
އަދި އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބަކީ 5،000 ރުފިޔާއިން ޖޫރިމާނާކުރުން ކަމަށްވާތީ އެ ދެ މީހުން އެ އަދަދުން ޖޫރިމާނާކުރާ ކަމަށެވެ.
ފެމިލީ ކޯޓުން ވަނީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު