ބޮޑު މުސާރައެއް ދޭނެ ކަމަށް ބުނެ ރާއްޖޭއަށް މަސާޖު ކުރަން ގެނައި ތައިލެންޑްގެ ދެ އަންހެނަކު ލައްވައި މަސާޖު ޕާލާއެއްގައި ހަށިވިއްކުވި މައްސަލައެއްގައި އެ ގައުމުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ތައިލެންޑުގެ ނޫހެއް ކަމުގައިވާ "ތައިގާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތައިލެންޑުގެ ޑޮން މިއުއެންގް އެއާޕޯޓިން ހައްޔަރުކޮށްފައިވަނީ ޕެޗަނަން އިއުރެޑް 29އ. ކިޔާ މީހެކެވެ. ހިއުމަން ޓްރެފިކިން މައްސަލައިގައި އޭނާ ހައްޔަރުކުރަން އަމުރު ނެރެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރިއަށް މީހުން ގެންދިއުމާއި އެކަމަށް އެހީތެރިވެފައިވާ ކަމަށެވެ. އޭނާ ވަނީ ހައްޔަރުގައި ހުރި އިރު އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ޕެޗަނަން ވަނީ ފޭސްބުކުން ތައިލެންޑުގެ ދެ އަންހެނަކާ ވާހަކަ ދައްކައި ރާއްޖޭގެ މަސާޖު ޕާލާއެއްގައި މަސައްކަތް ކުރުމުން ބޮޑު މުސާރައެއް ދޭނެ ކަމަށް ބުނެ އެ މީހުންނަށް އޮޅުވާލައިގެން ރާއްޖެ ގެނެސްފައެވެ. އެގޮތުން މުސާރައެއްގެ ގޮތުގައި 100،000 ބާތު، ނުވަތަ 44529 ރުފިޔާ ދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ތައިގާގައި ބުނެފައިވެއެވެ.

ނަމަވެސް އެ މީހުން ރާއްޖެ އައުމުން އެ މީހުން ލައްވައި ކޮންމެ ދުވަހަކު އެތައް ބަޔަކަށް ހަށިވިއްކުވާފައިވާ ކަމަށް ތައިގާއިން ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަ ރާއްޖޭގައި ހުންނަ ތައިލެންޑް އެމްބަސީއަށް ހުށަހެޅުމުން އެ އެމްބަސީން އެ މީހުން އަނބުރާ ތައިލެންޑަށް ގެންގޮސްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.