މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.
އައިއޯއައިޖީގެ އެތުލެޓިކްސް އިވެންޓްތައް އިއްޔެ ފަށާފައިވާ އިރު، ރާއްޖޭގެ މިކްސް ޓީމުން ލޯ މެޑަލް ހޯދީ ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އިވެންޓުންނެވެ. ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަނެވެ.
އިއްޔެ ކުރިއަށްދިޔަ ރިލޭ ރާއްޖޭގެ ޓީމުން ނިންމީ ތިން މިނެޓު 33.86 ސިކުންތުންނެވެ. އެއްވަނައަށް ދިޔަ މަޑަގަސްކަރަ ޓީމުން ރޭސް ނިންމީ ތިން މިނެޓު 29.68 ސިކުންތުންނެވެ. ދެވަނައަށް ދިޔަ ރިިޔޫނިއަނުން ރޭސް ނިންމީ ތިން މިނެޓު 30.33 ސިކުންތުންނެވެ. ރާއްޖެއިން ތިންވަނަ ހޯދީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.
ރާއްޖޭގެ މިކްސް ރިލޭ ޓީމުން މި ހޯދި މެޑަލް އަކީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރިލޭ އިން ހޯދި ތިން ވަނަ މެޑަލްޔެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮތް ސައުތު އޭޝިއަން ގޭމްސް އާއި 2019ގައި މޮރީޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 4 ގުނަ 100 މީޓަރު ދުވުމުންވެސް ބްރޯންޒް މެޑަލް ހޯދާފައެވެ.
އެތުލެޓިކްސްގެ އިންޑިވިޖުއަލް އިވެންޓްތަކުގެ ކޮލިފިކޭޝަން ހީޓްތައް އިއްޔެ ހެނދުނު ކުރިއަށް ގޮސްފައިވާ އިރު، ފިރިހެނުންގެ 100 މީޓަރު އިވެންޓްގައި ވާދަކޮށްފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދުގެ އިތުރުން އަރަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު މިންހާލް ޝާމިން އަދި އިބްރާހިމް ނާހިލް ނިޒާރެވެ.
ނާހިލް ހީޓު އެކެއްގައި ވާދަކޮށް ހަތަރު ވަނައިގައި ނިންމީ، 11.44 ސިކުންތުންނެވެ. އެ ހީޓުގެ އެއްވަނަ ދިޔައީ 10.57 ސިކުންތުން ނިންމި މޮރިޝަސްގެ ބިބީ ގެރީއެވެ.
ސާއިދު، ހީޓު ދޭއްގައި ވާދަކުރިއިރު، ޓައިމިން އަކީ 10.75 ސިކުންތެވެ. ސާއިދު ތިންވަނައަށް ދިޔައިރު، އެހީޓު ކާމިޔާބުުކުރި ކޮމޮރޯސްގެ ރިފާއިން އަބްދުލް ކަރީމްގެ ޓައިމިން އަކީ 10.68 ސިކުންތެވެ. ސާއިދަށް ފައިނަލުގެ ޖާގަ ނުލިބުނީ އެންމެ ޓައިމިން ރަނގަޅު 8 ދުވުންތެރިންގެ ތެރޭގައި ނުހިމެނޭތީއެވެ. ގަދަ 8 ދުވުންތެރިންގެ ފަހު ޖާގަ ހޯދި މޮރިޝަސްގެ ޓޮޕީޒްގެ ޓައިމިން އަކީ 10.71 ސިކުންތެވެ.
ހީޓު ތިނެއްގައި ވާދަކުރި މިންހާލް ދިޔައީ ހީޓުގެ ހަވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.90 ސިކުންތެވެ. މިންހާލްގެ މި ޓައިމިން އަކީ ގައުމީ ޖޫނިއާ ރެކޯޑް ޓައިމިން އެކެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި އިބާދުﷲ އާދަމް އަތުގައެވެ. އިބާދުﷲ ރެކޯޑް ހެދީ 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 10،000 މީޓަރު ދުވުމުގައި ރާއްޖޭގެ ޝަމްހާ އަހުމަދު ވަނީ އިއްޔެ ވާދަކޮށްފައެވެ. އެރޭހުގެ އެންމެ ފަހަތުން ޝަމްހާ ނިންމިއިރު، ޓައިމިން އަކީ 43:44.33 އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް