މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ޕެރަ އެތްލެޓިކްސްގައި ވާދަކޮށް، ރާއްޖޭގެ އަބްދުލް ރައްޒާގު އަބްދުލް ސަމަދާއި ފާތިމަތު އިބްރާހީމް (ފާތުން) ލޯ މެޑަލް ހޯދައިފިއެވެ.
މިއީ އައިއޯއައިޖީގައި ރާއްޖޭގެ ޕެރަ އެތުލީޓުން ވާދަކޮށް މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިއަދު ރައްޒާގު ލޯ މެޑަލް ހޯދީ ޕެރަ އެތުލެޓިކްސްގެ 100 މީޓަރު އިވެންޓުންނެވެ. އަދި ފާތުން ލޯ މެޑަލް ހޯދީވެސް ޕެރަ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުންނެވެ. މިއަދު ހެނދުނުން ފެށިގެން އެތުލެޓިކްސްގެ އިވެންޓްތައް ފެށިގެން ކުރިއަށްދާ އިރު، ރައްޒާގު ފައިނަލަށް ދިޔައީ ހީޓްގައި ދުވަން ނުޖެހިއެވެ. އެއީ ރައްޒާގު ދުވަން އޮތް ހީޓުގައި ހިމެނޭ އެއް އެތުލީޓް ހާޒިރުނުވުމުންނެވެ.
ރައްޒާގު ފައިނަލުގައި ދުވެ މެޑަލް ހޯދީ، 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ރިހި މެޑަލް ހޯދި މޮރިޝަސްގެ މަރިއާން ރޮސާރިއޯ ރޭސް ނިންމީ 13.10 ސިކުންތުންނެވެ. އަދި ރަން މެޑަލް ހޯދި މަޑަގަސްކަރައިގެ އެތުލީޓް ރޭސް ނިންމީ 12.55 ސިކުންތުގެ ޓައިމިންއަކާ އެކުގައެވެ.
ފާތުން ފައިނަލް ހީޓަށް މިއަދު ކޮލިފައިވީ ހެނދުނު ދުވި ކޮލިފިކޭޝަން ހީޓް ދެވަނައިގައި ނިންމައިގެންނެވެ. ފާތުން ފައިނަލްގައި ރޭސް ނިންމީ 17.34 ސިކުންތުންނެވެ. ފާތުން ދުވި ފައިނަލްގެ އެއްވަނަ ހޯދި މޮރިޝަސްގެ އަންޑޯރާ އަސައުން ރޭސް ނިންމީ 13.67 ސިކުންތުންނެވެ. އަދި ދެވަނަ މަގާމާއެކު ރިހި މެޑަލް ހޯދި މަޑަގަސްކަރައިގެ އޮރެލީ ފަރަވަވީ ރޭސް ނިންމީ 13.95 ސިކުންތުންނެވެ.
ފާތުން ވަނީ މިއަދުގެ ހީޓް އަދި ފައިނަލުގައިވެސް ގައުމީ ރެކޯޑު އާކޮށްފައެވެ. ފުރަތަމަ ހީޓް އިވެންޓްގައި 17.80 ސިކުންތުން ރޭސް ނިންމާ ފާތުން އާކުރީ އޭނާ 2021 ވަނަ އަހަރުގެ ޕެރަލިމްޕިކް އިވެންޓްގައި 18.06 ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ. ފާތުން މިއަދު އޭނާގެ ރެކޯޑު ދެން އާކުރީ ފައިނަލް އިވެންޓްގައެވެ.
މިއަދު އެތުލެޓިކްސްގެ އިތުރު ހީޓްތައް އަދި ފައިނަލްތައްވެސް ކުރިއަށް ގޮސްފައިވާ އިރު، ހެނދުނުގެ އިވެންޓްތަކުން ފައިނަލް ހީޓްތަކަށް ދަތުރު ކޮށްފައިވާ އެތުލެޓިކްސް އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީއާއި މުހައްމަދު މިންހާލް ޝާމިން (މިންކޮ)އެވެ. އެ ދެ އެތުލީޓުންވެސް ފައިނަލަށް ދަތުރުކުރީ 100 މީޓަރު ދުވުމުންނެވެ. މިންހާލް ވަނީ ރާއްޖޭގެ ޖޫނިއާ 100 މީޓަރު ރެކޯޑުވެސް ކޮލިފިކޭޝަން ހީޓްގައި މުގުރާލައިފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް