މާލޭގެ ހުޅަނގު އުތުރު ފަރާތް މިއަދު ފެންނަނީ ވަރަށް "ބިޒީ" ކޮށެވެ. ފަސްސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށްގެން، މާލެއާއި ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅާލާ ބިޔަ ބޮޑު "ތިލަމާލެ ބުރިޖު"ގެ މާލޭ ބޭސްގެ މަސައްކަތްތައް އެ ސަރަހައްދުގައި އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ތިލަމާލެ ބުރިޖަކީ އެތައް ގޮތަކުން ތަފާތު ބުރިޖެކެވެ.
އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން އަޅަމުން އަންނަ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރުމަށް ރާވާފައި އޮތީ ފްލޯޓިން ޕްލެޓްފޯމްތަކެއް ބޭނުންކޮށްގެން ކަނޑު އަޑީގައި ދާއިމީ ތަނބުތައް ޖަހައިގެން ބުރިޖުގެ މަސައްކަތް ނިންމާލާ ގޮތަށެވެ. ނަމަވެސް ބުރިޖުގެ މަސައްކަތަށް ފަސޭހަކުރުމަށް ވަގުތީ ތިން ބުރިޖެއް (ނޭވިގޭޝަން ބުރިޖް) އަޅާނެއެވެ. އެއީ މާލެއިން ބުރިޖުގެ މަސައްކަތް ފަށާ ހިސާބާއި ވިލިމާލެއިން މާލޭ ކޮޅުން ބުރިޖާ ގުޅޭ ހިސާބާއި ވިލިމާލެއިން ގުޅިފަޅާ ގުޅޭ ހިސާބެވެ. ވަގުތީ ބުރިޖުތައް އަޅަނީ ބާޖުތަކަށް ނުވަދެވޭ ތިލަ ސަރަހައްދުތަކުގައެވެ. އެ ސަރަހައްދަށް ބާޖާއި ފްލޯޓިން ޕްލެޓްފޯމްތައް ކައިރި ނުކުރަނީ ފަރަށް ލިބިދާނެ ގެއްލުމަކަށް ބަލައިފައެވެ.
ބުރިޖު މަޝްރޫއުގައި ޖުމުލަ 68 ޕިއާ ބޭނުންވާއިރު، މާލޭގެ އެއްގަމުގައި ޖަހާ 8 ޕިއާގެ މަސައްކަތާއި ޕިއާ ކެޕްގެ މަސައްކަތާއި ޕައިލިންގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމައިލައިފައެވެ. އެެއީ ބުރިޖުގެ 350 މީޓަރެވެ. ކޮންމެ ޕިއާއެއްގައި މަދުވެގެން ދޭއް ނުވަތަ ތިން ޕައިލް ޖަހާނެއެވެ. އެގޮތުން މުޅި މަޝްރޫއު ނިމޭއިރު 263 ޕައިލް ކަނޑުގެ އަޑިއަށް ޖަހާނެއެވެ. އޭގެ ތެރެއިން 86 ޕައިލްގެ މަސައްކަތް މިހާރު ވަނީ ނިންމައިލައިފައެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތުގެ އަސްލު މަންޒަރު ފެންނަނީ ގުޅިފަޅުންނެވެ. ބުރިޖަށް ބޭނުންވާ 1،200 ޕްރީކާސްޓް ސެންމަންޓާއި ޕައިލް ކަވަރުތައް ތައްޔާރުކުރަމުން އަންނަނީ ގުޅިފަޅުގައެވެ. އެއީ ދުނިޔޭގައިވެސް މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށް އެފްކޮންސްއިން ބުނެއެވެ. ބުރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެއެވެ. މީގެ ހަތަރު މަސް ކުރިން ފެށި ޕްރީކާސްޓިންގެ މަސައްކަތުން ހެދި 70 ސެގްމެންޓު މިހާރު ގުޅިފަޅުގައި ބަރި ޖަހާފައި އެބަހުއްޓެވެ. ޕްރީ ކާސްޓް ސެގްމެންޓެއް ހެދުމަށް ހޭދަވަނީ ތިން ދުވަހެވެ. އެއްފަހަރާ 14 ސެގްމެންޓްގެ ހެދުމުގެ ގާބިލުކަން އެފްކޮންސްގެ ޕްރީ ކާސްޓިން ސައިޓުގައި އެބަހުއްޓެވެ. ސެގްމަންޓްތައް ތައްޔާރުކުރަނީ ބުރިޖުގެ އެހެން މަސައްކަތްތައް ނިމެމުން އަންނަ ވަރަކަށެވެ. އެފްކޮންސްގެ އަމާޒަކީ، މީގެ ތިން މަސް ފަހުން، ބުރިޖުގެ މަތީގައި އެ ސެގްމަންޓްތައް އަތުރާލުމުގެ މަސައްކަތް ފެށުމެވެ.
ބުރިޖުގެ މަސައްކަތް ހުއްޓުމެއް ނެތި 24 ގަޑިއިރު ކުރާއިރު، ފެކްޓަރީއެއްގެ ސިފަވާ ގުޅިފަޅު ސައިޓުގައި 2،000 އެއްހާ މުވައްޒަފުން މަސައްކަތް އެބަ ކުރެއެވެ. ބުރިޖުގެ މުޅި މަޝްރޫއުގައި 2،600 މުވައްޒަފުން ހަރަކާތްތެރިވާއިރު އޭގެ ތެރޭގައި އިންޖިނިއަރުންގެ ބޮޑު ޓީމެއްވެސް ހިމެނެއެވެ. އެގޮތުން އެފްކޮންސްގެ 200 އިންޖިނިއަރުން ހަރަކާތްތެރިވާއިރު، ބުރިޖުގެ ކަންކަން މޮނީޓާކުރުމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ހަމަޖައްސާފައިވާ ކޮންސަލްޓެންޓު އެމްއެސް އަރޫޕްގެ 40 އަށް ވުރެ ގިނަ އިންޖިނިއަރުން ހަރަކާތްތެރިވެއެވެ. ބުރިޖުގެ ކޮންމެ ކަމެއްވެސް ހިނގަނީ އެ މީހުންގެ ލޯކުރިމަތީގައެވެ. އެމީހުންގެ ހުއްދައާއެކުގައެވެ.
ތިލަމާލެ ބުރިޖަކީ 6.7 ކިލޯ މީޓަރުގެ ދިގު ބުރިޖެކެވެ. މި ބުރިޖުގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށްފައިވަނީ 16 ސެޕްޓެމްބަރު 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ކޮވިޑުގެ ދުވަސްވަރެވެ. މުވައްޒަފުން ކަރަންޓީން ވާން ޖެހުމާއި ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި އޮއިވަރުގެ ސަބަބުންވެސް ބުރިޖުގެ މަސައްކަތައް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބުރިޖުގެ އަމަލީ މަސައްކަތް ފަށައިގަތުމުގެ ކުރިން ހަދަން ޖެހޭ ޓެކްނިކަލް ސާވޭތައް ހެދުމަށްވެސް ދުވަސްތަކެއް ނެގިއެވެ. އެ ސާވޭތަކުގެ ބޭނުމަކީ މަޝްރޫއުގެ ސަބަބުން ފަރަށާއި ކަނޑުއަޑީގެ ދިރުންތަކަށް ލިބޭނެ ގެއްލުމެއް ދެނެގަތުމާއި ބުރިޖުގެ ތަނބުތައް ޖަހަންވީ ފުންމިނާއި އެނޫންވެސް ޓެކްނިކަލް ކަންކަން ދެނެގަތުމަށެވެ.
ބުރިޖުގެ މަސައްކަތް ފަށައިގެން ދެ އަހަރު ދުވަސް އަންނަ މަހުގެ 16 ވަނަ ދުވަހަށް ހަމަވާއިރު ބުރިޖުގެ ބޭސްގެ ބޮޑު ބައި މިހާރު ނިންމާލައިފައިވާއިރު އަމާޒު ހިފާފައިވަނީ އަންނަ ޑިސެމްބަރު މަހަށް މާލެއާ ވިލިމާލެއާ ގުޅައިލުމެވެ. އެގޮތުން ވިލިމާލެއާ ހަމައަށް ބުރިޖު ގުޅައިލުމަށް ބާކީ ނުނިމި މިހާރު ހުރީ ހަތަރު ޕިއާއެއްގެ މަސައްކަތެވެ.
"އަމާޒަކީ ޑިސެމްބަރު މަހުގެ ތެރޭގައި ވިލިމާލެއާ ގުޅައިލުން. ނަމަވެސް ސީދާ އެ ތާރީހަށްވުރެ ލަސްވެދާނެ. އެއީ ބުރިޖުގެ މަސައްކަތުގައި މިކުރަން ޖެހެނީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެއްކަމަށްވާތީ. ކުޑަ ޑިލޭއެއް އަންނާނީ. އެކަމު ބުރިޖުގެ މަސައްކަތް ނިންމަން އޮތް ތާރީހަށް ނިންމުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އިތުރު މުވައްޒަފުން ގެނައުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ" ބުރިޖުގެ ކަންކަން އެނގޭ އޮފިޝަލަކު "ވަން" އަށް ވިދާޅުވިއެވެ.
ބުރިޖުގެ ސްޓަރަކްޗާގެ މަސައްކަތް ގުޅިފަޅުގައި ކުރަމުން އަންނައިރު، އެ މަސައްކަތްތައް ކުރަނީ ކޮންޓްރޯލްޑް މާހައުލެއްގައި ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ބުރިޖުގެ ކޮލެޓީއާ މެދު ސުވާލު އުފައްދައިފައެވެ. ނަމަވެސް އެއީ ބުރިޖުގެ ކޮލެޓީއަށް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް އެފްކޮންސްއިން ބުނެއެވެ. އެއީ ބުރިޖުގެ ސްޓްރަކްޗާއަށް އެފްކޮންސްއިން ބޭނުންކުރަނީ އެކަމަށް ހާއްސަ ތަކެތި ކަމަށްވުމުންނެވެ. އެގޮތުން ސްޓްރަކްޗާގެ ކޮންކްރީޓާއި އެ ސްޓްރަކްޗާ ވަރުގަދަކުރަން އެތެރެއަށް ޖަހާ 550 ގްރޭޑްގެ ޓާޓާ ބްރޭންޑުގެ ދަގަނޑަކީވެސް ކޮލެޓީ ތަކެތި ކަމަށާއި ބުރިޖުގެ ސްޓްރަކްޗާއަށް ބޭނުންކުރަނީ 12 އާއި 40 އެމްއެމްއާ ދެމެދުގެ ބޯމިނުގެ ދަގަނޑު ކަމަށް ވެސް ބުންޏެވެ. ވިއްސާރައާއި އަތްވާއި ލޮނުން ސްޓްރަކްޗާތައް ސަލާމަތްކުރަން ހާއްސަ ކެމިކަލް ބޭނުންކޮށްފައި ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ބުރިޖަށް ބޭނުންކުރާ ސްޓްރަކްޗާތައް މިނަށް ފެއްތުމަށްޓަކައި ބޭނުންކުރަނީ މިވަގުތު ދުނިޔޭގައި އެ ފަދަ ކަންކަމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އެގޮތުން އޮސްޓްރިއާގެ އޭބީއީއެސް ޖިއޯކޯން ސޮފްޓްވެއާ އެވެ. އެ ސޮފްޓްވެއާގެ ސަބަބުން ކާސްޓިންގައި ކުރިމަތިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.
ގުޅިފަޅުގައި ހިނގާ ކާސްޓިން މަސައްކަތުން ބޭރަށް ޖެހިލައި ކަނޑުމަތީގައި ކުރަމުން އަންނަ ބުރިޖުގެ މަސައްކަތްތަކަށް ބަލާއިރުވެސް ފެންނަނީ ބުރިޖުގެ މަސައްކަތް ބާރަށް ކުރިއަށްދާތަނެވެ. އެގޮތުން ބުރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. ބުރިޖުގެ ކޮންމެ ތަނބެއްވެސް ކަނޑުގެ ސީބެޑަށް ވުރެ ތިރިއަށް ޖަހާނެއެވެ. ބައެއް ހިސާބުތަކުގައި 75 މީޓަރު ފުނަށްވެސް ތަނބުތައް ޖަހާނެއެވެ. އެއީ ސީބެޑަށްވުރެ ތިރިއަށް 25 މީޓަރުވެސް ހިމެނޭ ގޮތަށެވެ. ބުރިޖުގެ ހުރިހާ ތަނބެއް ފެނުން މައްޗަށް އަރާއިރު ސެގްމަންޓްތައް ގުޅިފަޅިގައި ހުންނާނީ ތައްޔާރުވެފައެވެ. ދެން އޮންނާނީ އެ ސެގްމަންޓްތައް ގެނެސް ތަނބުތަކުގައި އަތުރާލުމުގެ މަސައްކަތެވެ.
ބުރިޖުގެ ކޮންކްރީޓް މަސައްކަތުގެ އިތުރުން ބުރިޖުގެ ގުޅިފަޅު 1 އިން ގުޅިފަޅު 2 އަށް ގުޅާލަނީ ހައިވޭ މަގަކުންނެވެ. ތިލަފުށީގެ ބައެއްވެސް ހައިވޭއަކުން ބުރިޖާ ގުޅާލާނެއެވެ. އެ މަގު ހިއްކުމުގެ މަސައްކަތްވެސް އެފްކޮންސްއިން މިހާރުވަނީ ނިންމާލައިފައެވެ.
ތިލަމާލެ ބުރިޖުގެ އުމުރަކީ 150 އަހަރެވެ. ދިގުމިނުގައި 6.7 ކިލޯމީޓަރުގެ މި ބުރިޖު ނިންމަން އެފްކޮންސްއަށް ދީފައިވަނީ ދެ އަހަރާއި 8 މަސް ދުވަހެވެ. އެއީ، ކުރީ ސަރުކާރުން މާލެއާއި ހުޅުޅެ ގުޅާލުމަށް އަޅާފައިވާ 1.39 ކިލޯ މީޓަރުގެ ސިނަމާލެ ބުރިޖު ހެދުމަށްވެސް ގާތްތަނޑަކަށް ހޭދަވި މުއްދަތެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.