އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޭ ބުނުމާ އެކު ދިވެހީންގެ ހަނދާނަށް އެންމެ ފަސޭހައިން އަންނާނެ ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ޖުމުލަ 15 މެޑަލް ހޯދި އިރު، ހަތަރު ރަން މެޑަލް ހޯދިއެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓީޓީންނެވެ. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ އަލީ ހޯދި ރަން މެޑަލާއި ދީމާ އާއި އައިޝަތު ރަފާ ނާޒިމް ހޯދައިދިން ވުމަންސް ޑަބަލްސް ރަން މެޑެލާއި އެދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވުމަންސް ޓީމް އިވެންޓްގެ ރަން މެޑަލްއެވެ.
އޭގެ އިތުރުންވެސް 2019 ވަނަ އަހަރު ޓީޓީން ވަނީ އިތުރު ދެ ރިހި މެޑަލް ހޯދައިފައެވެ. އެއީ ވުމަންސް ޑަބަލްސްއިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑަލާއި ވުމަންސް ސިންގަލްސްއިން ރަފާ ހޯދި ރިހި މެޑަލްއެވެ. އެފަހަރު އައިއޯއައިޖީގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޓީޓީއަށް މިފަހަރުވެސް އޮތީ އުންމީދުތަކެކެވެ. ދިވެހީން އެންމެ ލޯބިވާ އެތުލީޓުންވެސް ތިބީ ޓީޓީގައޭ ބުނެވިދާނެއެވެ. ހާއްސަކޮށް އައިއޯއައިޖީއަށް ދިވެހީންގެ އުންމީދުތަކާ ގުޅިފައިވާ އެތުލީޓުންގެ ގޮތުގައި ޓީޓީގެ އެތުލީޓުން ފާހަގަވިއެވެ. އެއީ ޕްރެޝަރެއް ނަމަވެސް، އެ ޕްރެޝަރަކީ ޓީޓީ ޓީމަށް ރަނގަޅު ޕްރެޝަރެކެވެ. ދިވެހީންނަށް އަލުން އެ ހިނިތުންވުން ގެނެސްދިނުން އެއީ ޓީމުން މެންޓަލީ ތައްޔާރުވި ތައްޔާރުވުންވެސް މެއެވެ. މެޗުތަކުން ފެނުނު މަންޒަރުން އެކަން ސާފުވެސް މެއެވެ. ގައުމީ ޖޯޝު، ރޫހު ފުރިހަމައަށް ޓީޓީ ޓީމުން ފެނިގެން ދިޔައެވެ.
ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑު ތަފާތަކަށް މިފަހަރު އައިއޯއައިޖީގައި ފެންނަ މަންޒަރެއްގެ ގޮތުގައިވެސް ފާހަގަކުރެވެނީ އަމިއްލަ ނަފުސަށް އޮތް އިތުބާރެވެ. އެ އިތުބާރު އުފެއްދުމަށް ތަމްރީނުތައް އެހީވިއެވެ. މިހާތަނަށް ޓީޓީން ވަނީ އަންހެން ޓީމް އިވެންޓުގެ ރަން މެޑަލް އަދި ފިރިހެން ޓީމް އިވެންޓްގެ ރިހި މެޑަލްގެ އިތުރުން މިކްސް ޑަބަލްސް ރަން މެޑަލާއި ލޯ މެޑަލް ހޯދައިފައެވެ. އިއްޔެ މިކްސް ޑަބަލްސްގެ ރަން މެޑަލް ހޯދީ ރަފާ އާއި މުންސިފެވެ. ލޯ މެޑަލް ހޯދީ ދީމާ އާއި މުހައްމަދު ޝައްފާންގެ ޕެއާއިންނެވެ. ފުރިހަމަ ކާމިޔާބީތަކެކެވެ. އަދިވެސް ކުރިއަށް އޮތީއެވެ.
"ވަރަށް ވަރަށް އުފާވޭ މި ކާމިޔާބީއަށް. މިދިޔަ ފަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ނުލިބޭ ހަމައެކަނި މެޑައްޔަކަށް އިނީ މިކްސް ޑަބަލްސް އިވެންޓް. މިފަހަރު އިރާދަކުރެއްވިއްޔާ މި ލިބުނީ ރަން އަދި ލޯ މެޑަލް މި އިވެންޓުން. މިއީ އުންމީދު ކުރިވަރަށްވުރެ ވެސް މާ ބޮޑު ކާމިޔާބީއެއް. ވަރަށް ބޮޑަށް އުފާކުރަން. އެންމެ ފުރަތަމަ އަލްހަމްދުﷲ. މިއީ މިރަކަލްއެކޭ ބުނުންވެސް ދޮގަކަށް ނުވާނެ. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. ނަސީބު ކަންދިމާކުރި ގޮތުން ރާއްޖޭގެ ދެ ޕެއާ އެއް ފަޅިއެއްގައި އޮތީމަ އެއް ޕެއާ މި ފައިނަލަށް ދިޔައީ. ދެފަޅިއެއްގައި އޮތް ނަމަ، ރާއްޖޭގެ ފައިނަލަކަށް ވުމުގެ ފުރުސަތުވެސް އޮތް،" އިއްޔެ މިކްސް ޑަބަލްސް ރަން މެޑަލް ހޯދި ޕެއާގެ ކޯޗު އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ އިބްރާހީމް މެޗަށްފަހު އެމްއޯސީ މީޑިއާއަށް ބުންޏެވެ.
ޝިއުރީ ބުނީ ޓީޓީ ޓީމަށް އަބަދުވެސް ދިވެހީން ހެޔޮ ދުއާ އޮންނަ ކަމަށާއި ކާމިޔާބީގެ އެއް ސިއްރަކީ އެއީ ކަމަށެވެ.
"ވަރަށް ބޮޑު ޓީމް ވޯކެއް މިއީ. ހީކުރާ ވަރަށްވުރެ ވެސް ބޮންޑް ރަނގަޅު ޓީމެއް މި ދެ ޓީމަކީވެސް. އަންހެން ޓީމާއި ފިރިހެން ޓީމު އެކުގައި އަބަދުވެސް މަސައްކަތް ކުރާނީ. އަންހެން ޓީމު ކުރިން ކާމިޔާބު ހޯދަމުން އައި އިރުވެސް ފިރިހެން ޓީމު އޮންނާނެ އަންހެން ޓީމުގެ ފަހަތުގައި. އަންހެން ޓީމަށް ކުރިން އެ ކާމިޔާބު ލިބުނު އިރުވެސް، އެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ ފިރިހެން ޓީމް. މި ކާމިޔާބީއަކީ އެތައް ބައެއްގެ ކަލެކްޓިވް އެފޯޓް. ރައްޔިތުންގެ ހެޔޮ ދުއާ. ހެޔޮ އެދޭ އެތައް ބައެއްގެ ހިތްވަރު. މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ، މި ހުރިހާ ބައެއްގެ އެފޮޓެއް މިއީ،" ޝިއުރީ ބުންޏެވެ.
މުންސިފާއި ރަފާ އިއްޔެ ހޯދީ އެންމެ ފަހުން 2019 ވަނަ އަހަރު ރާއްޖޭގެ ޓީޓީއަށް ގެއްލުނު ހަމައެކަނި މެޑަލްއެވެ. އެ މެޑަލާ އެކު އަދި ހިތްފުރާލަން ދެ އެތުލީޓުން ބޭނުމެއް ނުވެއެވެ. ކުރިއަށް އޮތް އިވެންޓްތަކުން ރަން ވަނަތަކަށް އުންމީދު ބޮޑެވެ.
"މިކްސް ޑަބަލްސްއަށް ވަރަށް ފޯކަސް ކޮށްގެން ފަރިތަކުރީ. ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. ކްރޮއޭޝިއާގައި ކުރި ތަމްރީނުތަކަކީ ވަރަށް ރަނގަޅު ފުރުސަތުތަކެއް. މިއީ އެ ތަމްރީނުތަކުގެ ނަތީޖާ. ކުރިން ނުލިބޭ ފުރުސަތެއް އެ ލިބިގެން ދިޔައީ،" މުންސިފް ބުންޏެވެ.
ރަފާވެސް ހުރީ އުފަލުން ފޮޅިފައެވެ. ޔަގީންކަމާ އެކު އިއްޔެގެ މެޗުތަކުން ފެނިގެންދިޔަ ރަފާ ހުރީ އަދިވެސް ކާމިޔާބީއަށް އުންމީދުގައެވެ.
"ވަރަށް ވަރަށް އުފާވޭ ކުރީ ފަހަރު ނުލިބުނު މިކްސް ޑަބަލްސް މެޑަލް ލިބުމާއެކު. މިއީ ކްރޮއޭޝިއާގައި ކުރި ތަމްރީނުތަކާއެކު، މިކަމަށްވި ފުރިހަމަ ތައްޔާރީގެ ނަތީޖާ. ޑަބަލްސް އާއި ސިންގަލްސް އިވެންޓްތަކަށް މިހާރު ފޯކަސް މިހުރީ. އެ އިވެންޓްތަކުންވެސް ރަނގަޅު ނަތީޖާތަކެއް ނެރެދޭނަން އިރާދަކުރެއްވިއްޔާ،" ރަފާ ބުންޏެވެ.
ޓީޓީގެ މުޅި ޓީމަށް އަބަދުވެސް ދޭން އޮތީ ސާބަހެވެ. ކުރިއަށް އޮތް އިވެންޓްތަކަށް މުޅި ރާއްޖެ އިންތިޒާރު ކުރާނެއެވެ. ރަނަށް ކުރެވޭ އުންމީދުވެސް ބޮޑެވެ.