އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ރީ-ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ފުރަތަމަ ބުރުގެ ރީރެޖިސްޓްރޭޝަން ހުޅުވައިލި އިރު، ދެބައެއް ހިމެނޭނެ ކަމަށާއި އެއީ އިންތިހާބުގެ ފުރަތަމަ ބުރުގެ އިތުރުން، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ދެވަނަ ބުރުގައި އެމީހާ ވޯޓުލާނެތަނެއް ހިމެނޭ ގޮތަށް ކަމަށެވެ.

ނަމަވެސް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ރީރެޖިސްޓްރޭޝަނަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށާއި އެއީ ވަރަށް ކުރު ފުރުސަތެއް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"ފުރަތަމަ ބުރުގައި ރީ ރެޖިސްޓްރޭޝަން ކުރިއިރު ދެބައެއް އޮންނާނެ، އެއީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ، ނުވަވަނަ ދުވަހު ހުންނާނެ ތަނެއް، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެއްޔާ އެމަހުގެ 30 ވަނަ ދުވަހު ހުންނާނެތަނެއް ހިމެނޭގޮތަށް، ނަމަވެސް އެގޮތަށް ރީ ރަޖިސްޓްރީ ކުރި ފަރާތްތަކަށް ދެވަނަ ބުރުގައި އިތުރު ފުރުސަތެއްދޭނެ، އެއީ މިސާލަކަށް ބޭހަށް ރާއްޖޭން ބޭރަށްދާ މީހާ އެ ދަތުރު ކެންސަލްވެސް ވެދާނެތާ އެހެންވީމާ، އެކަހަލަ ވަރަށް ކުޑަ ކުޑަ ފުރުސަތެއްދޭނީ،" ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު އެ ކެނޑިޭޓަކަށް ލިބިފައިވާނަމައެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރެވޭނީ، ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

އީސީން ބުނެފައިވަނީ، މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު، އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެނޑިޑޭޓުން ވާދަ ކުރައްވައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ.