• ލ. މާބައިދޫން އަލީ ރިފްޝާން

ވަކި މީހަކު ބުނެގެން ވަކި ގޮތަކަށް ވޯޓުލުމުގެ ބަދަލުގައި ގައުމަށް ފައިދާވާނެ ގޮތަކަށް ވޯޓުދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. މާބައިދުއަށް ވަޑައިގެން މިއަދު ހެނދުނު މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ނަތީޖާ އަންނާނީ ވޯޓުން ކަމަށާއި އެހެންކަމުން އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށެވެ.

"ވޯޓުލާ ދުވަހު ކޮންމެ ބޭފުޅަކުވެސް ފަރުވާތެރިކަމާއެކު ވޯޓުލުން ވަރަށް މުހިންމު. އެހެން ނޫނީ ނަތީޖާ އެހެން ގޮތަކަށް ބަދަލުވެދާނެ. އެއް ބުރުން ބޮޑު ތަފާތަކުން އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބުވާކަމުގެ މަންޒަރު އެބަފެނޭ. އެހެންނަމަވެސް އަޅުގަނޑުގެ އިލްތިމާސަކީ މިއަދުވެސް ފަރުވާކުޑަ ނުކުރައްވައްޗޭ، މިއީ ގައުމަކާ ދޭތެރޭ ގޮތް ނިންމަން ލިބޭނެ އެންމެ މުހިންމު ފުރުސަތު. ވޯޓަކީ ވަކި މީހަކު ބުނެގެން ވަކި ގޮތަކަށް ލާން ޖެހޭނެ އެއްޗެއް ނޫން، ބަލަން ޖެހޭނީ ތިމާއަށް އެންމެ ފައިދާ ހުރި ގޮތަށް، ރަށަށް އެންމެ ފައިދާ ހުރި ގޮތަށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި މި ރަށުން 20 ވޯޓުގެ ތަފާތަކުން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، މި ރަށަށް ވެސް ވައުދުވީ ކަންކަން ބަރާބަރަށް ފުއްދަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ރަށަކަށް ނިސްބަތްކޮށް، ނުވަތަ ސިޔާސީ ވިސްނުމަށް ބަލާފައި ތަފާތުކުރުމެއް ނުގެންގުޅޭނަން. އެކަހަލަ ކަމެއް ވެފައި އޮތަސް، އެކަން ވެސް ބަދަލުކުރާނަން. ކުރިން ވެފައި އޮތަސް، އެކަން ބަދަލުކޮށް ހަމަހަމަކަމާއެކު އެ ފުރުސަތު ހޯދައިދޭނެ ކަމުގެ ޔަގީންކަން އަރުވަން. މާބައިދޫގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ، ކުރިއަށް އޮތް ދައުރުގައި ވެސް މި ރަށުގެ ރައްޔިތުން އެދޭ މަޝްރޫއުތައް އެދޭ ގޮތަށް ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ވެސް މާބައިދުއަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމާއި ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށާއި ސްކޫލަށް ބޭނުން ވަސީލަތްތައް ގާއިމުކުރުމަށް އަދި ޒުވާނުންނަށް ބޭނުންވާ އިންޑޯ ޖިމާއި ޔޫތު ސެންޓަރު ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.