މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުން ވެސް ލޯމެޑަލް ހޯދައިފިއެވެ.

މިއީ އައިއޯއައިޖީގައި ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ބާސްކެޓްބޯޅައަށް ތާރީހީ ކާމިޔާބެކެވެ. ތުރީ އޮން ތުރީ އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީއެވެ. ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. އިއްޔެ ދެޓީމުންވެސް ވަނީ ތިންވަނަ ހޮވި މެޗުގައި ތަފާތު ރަނގަޅު ކުޅުމެއް ދައްކައިފިއެވެ.

ރާއްޖޭގެ އަންހެން ތުރީ އޮން ތުރީ ޓީމުން ސެމީ ފައިނަލުގައި ރިޔޫނިއަން އަތުން ވަނީ 06-18 އިން ބަލިވެފައެވެ. އެމެޗުގައި ރިޔޫނިއަންއިން ވަނީ އެޓީމުގެ ފިޒިކަލް ވަރުގަދަކަމުގެ ބޭނުން ރަނގަޅަށް ހިފައިފައެވެ. ތިން ވަނަ ހޮވި މެޗުގައި އަންހެން ޓީމު ކުޅެން ޖެހުނީ މަޔޯޓްއާ ދެކޮޅަށެވެ. އެޓީމު އަތުން ފަހުވަގުތާ ހަމައަށް ޖެހެންދެން ހިތްވަރުކޮށްގެން މޮޅުވެފައިވަނީ 19-15 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލީޑު ނަގަމުންދިޔައެވެ. އަދި ޕްރެޝަރު ވަގުތުތަކުގައި ދެ ޓީމަށްވެސް ގޯސްތަކެއް ހެދި އަތުގައި އޮތް ލީޑު ވަނީ ގެއްލިފައެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް، ސްކޯ ކުރި މުހިންމު ޕޮއިންޓްތަކާ އެކު މޮޅުވިއެވެ.

ފިރިހެން ޓީމުން އިއްޔެ ވަނީ ފުރަތަމަ ކުޅުނު ކުއާޓާ ފައިނަލް މެޗުން 20-18 އިން ރީޔޫނިއަން އަތުން މޮޅުވެފައެވެ. އެކަމަކު، ސެމީ ފައިނަލުގައި މަޔޯޓް އަތުން 21-16 އިން ވަނީ ބަލިވެފައެވެ. އެ ބައްޔާއެކު ތިންވަނަ ހޮވާ މެޗަށް ފިރިހެން ތްރީ އޮން ތްރީ ޓީމް ނުކުމެފައިވާ އިރު، އެ މެޗުގައި މޮރިޝަސް ބަލިކުރީ 14-13 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ޓީމުން ވަނީ ޒަކިއްޓެ އާއި ހުވޭގެ ތަޖުރިބާގެ ބޭނުންހިފައި، މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފައެވެ.