• ލ. ކަލައިދޫން އަލީ ރިފްޝާން

މި ސަރުކާރުން ލ. އަތޮޅުގައި އަޅަން ނިންމާފައިވާ ދެވަނަ އެއާޕޯޓް ހަދާނެ ތަނެއް ހޯދުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިއަދު ހަވީރު ލ. ކަލައިދުއަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އެހެން ވިދާޅުވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވަނީ ލ. އަތޮޅަށް ކައްދޫ އެއާޕޯޓުގެ އިތުރުން ދެވަނަ އެއާޕޯޓެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"ލ. އަތޮޅަށް އިތުރު އެއާޕޯޓެއް އެބަ ބޭނުންވޭ. އެކަމަށް އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ދަނީ. އެއާޕޯޓެއް އަޅަން އެންމެ ރަނގަޅު ތަނެއް ހޯދައި، ކުރިއަށް މި އޮތް ދައުރުގެ ތެރޭގައި އިތުރު އެއާޕޯޓެއްވެސް އަޅުގަނޑުމެން އަޅައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދު މެންދުރު ލ. އިސްދުއަށް ވަޑައިގެންވެސް ރައީސް ވަނީ މި އަތޮޅުގައި ތަރައްގީކުރާ އެއާޕޯޓުގެ ވާހަކަފުޅު ދައްކަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ކަލައިދުއަށް ވައުދުތައް ވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ މި ރަށަށް ކުރިއަށް އޮތް ދައުރުގައި ހައުސިން ޕްރޮޖެކްޓެއް ހިންގައި، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ފުޓްސަލް ދަނޑެއްވެސް ހަދައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަޝްރޫއުތައް ހިންގަންވާނީ ދިގު މުއްދަތަކަށް ދެމިގެންދާނެ ގޮތަށް ކަމަށާއި ދައުލަތުގެ ފައިސާ ބޭނުންކުރަންވާނީ އޭގެ އެންމެ ބޭނުންތެރި ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ފައިދާ މިހާރު ލިބެން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.