އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ގއ. ގެމަނަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. ގެމަނަފުއްޓަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މާލޭގެ މޭޔަރުކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގައި އޭނާގެ ހައުސިން މިނިސްޓަރުކަމުގައި ގެމަނަފުށީގެ ބަނދަރު އެ ރަށުގެ ރައްޔިތުން އޭރު ބޭނުންވި ގޮތަށް ހަދާފައިވާ ކަމަށެވެ. ނަމަވެސް ގެމަނަފުއްޓަކީ "މަހާ ގުޅޭ ފެކްޓަރީ" އެއްގެ ގޮތުގައި ސިފަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށުގެ ބަނދަރު އިތުރަށް ތަރައްގީކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ އެ ބަނދަރު (ގެމަނަފުށީ ބަނދަރު) ތަރައްގީކޮށް، ބޮޑުކޮށްދީ އިތުރަށް ފުރިހަމަކޮށްދޭނެކަމުގެ ޔަގީންކަން" ސަޕޯޓަރުންނާ މުހާތަބުކުރައްވައި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގެމަނަފުށި ކަހަލަގެ ރަށެއްގައި އުމްރާނީ ތަރައްގީގެ ކަންކަން ހުންނަން ޖެހޭނީ ފުރިހަމަވެފައި ކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ގެމަނަފުއްޓަށްވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅުތެރެއިން ބިން ހިއްކުގެ މަޝްރޫއެއް އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
"ގެދޮރުވެރިކަން މި ރަށުގައި ގާއިމްކުރުމަށްޓަކައި އިތުރު ފުރުސުތައް ހޯދުމަށްޓަކައި އުމްރާނީ އަދި އިގްތިސޯދީ ގޮތުން ކުރިއަށްގެންދިއުމަށްޓަކައި އަދި މަސްވެރިކަމުގެ ދާއިރާއިންވެސް ކަންތައްތައް ކުރުމަށްޓަކައި މި ރަށަށް ބިން އިތުރުކުރަން ޖެހޭ" މުއިއްޒު ވިދާޅުވިއެވެ.
ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންކަން އިއުލާނުކުރެއްވުމަށް ފަހު މުއިއްޒު ވަނީ ކެމްޕެއިންގައި ނުދެވުނު އަދި ގެމަނަފުށި ކައިރީގައި އޮންނަ ކޮނޑޭގެ ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު