ޖަރުމަނު ބަންޑަސްލީގާގައި ރޭ ބަޔާން މިއުނިކުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެފްސީ އޮސްބާގު ކައިރިން މޮޅުވެއްޖެއެވެ.

ބަޔާންއިން ރޭ ކުޅުނު މެޗުގައި އޮސްބާގު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ އަލަށް މި ސީޒަނަށް ބަޔާނަށް ގެންދިޔަ އިންގްލެންޑް ކެޕްޓަން ހެރީ ކޭން އެ ކްލަބުގެ ހޯމް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ރަނގަޅު ފޯމެއް ބަޔާންގައި ދަމަހައްޓަމުން އަންނަ ކޭން ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފައެވެ. .

އެންމެފަހުން ބަޔާނަށް ކުޅުނު ދެ މެޗުގައިވެސް ކޭން ގޯލު ޖަހައިފައިވާ އިރު، އޭނާ ވެފައި ވަނީ ޖަރުމަނުގެ ލީގުގެ ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާއަށެވެ.

ބަޔާނުން ރަނގަޅަށް ކުޅެ ޑޮމިނޭޓް ކުރި މެޗުގެ 32 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ ލެރޮއި ސާނޭ ޖެހި ބޯޅަ ދަނޑީގައި ޖެހިގައި ނުކުތް ވަގުތު އޮސްބާގުގެ ޑިފެންޑަރު ފެލިކްސް އުޑުއޮހައި ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ހާފުގައި ބަޔާންގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އޮސްބާގުގެ ނިކްލަސް ޑޯޝްގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ގޯލަށް ވައްދާލީ ކޭންއެވެ..

ދެވަނަ ހާފު ފެށިގެން ސާނޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެލްފޮންސޯ ޑޭވީސް ނެގި ހުރަސް ގޯލަށް ވައްދާލައި، ކޭން ބަޔާންގެ ތިންވަނަ ގޯލުވެސް ކާމިޔާބު ކޮށްދިނެވެ.

އޮސްބާގުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑިއޮން ބެލްޖޯއެވެ.