- ތ. ގާދިއްފުށިން އަލީ ރިފްޝާން
އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތ. ގާދިއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށާއި އެގޮތުން އިގުތިސާދަށް ގެންނަ ބޮޑު ބަދަލާއެކު ފައިސާ ލިބިގެންދާނެ ކަމަށެވެ.
"2028 ވަނަ އަހަރު އަންނަ އިރުގައި ރާއްޖޭގެ އިގުތިސާދު 170 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ. އަދި ނަތީޖާއަކަށް ވެގެންދަނީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި، 50 ބިލިއަނާ ހަމައަށް އަމާޒު ހިފުން. އަދި އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް، އަރަނި ބަޖެޓަކަށް ހެދުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރުމަށްޓަކައި އުމްރާނީ ތަރައްގީ ގެންނަން ޖެހޭ ކަމަށާއި އެގޮތުން އެއާޕޯޓުތަކާއި އާރުޓީއެލް ފެރީގެ ނިޒާމުން ރާއްޖެ ގުޅުވައިލުމާއެކު ވަޒީފާ އިތުރުވެ، ދައުލަތަށް ވަންނަ ފައިސާ ވެސް އިތުރުވެގެންދާ ކަމަށެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ގާދިއްފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށް ކައިރީގައި ވަރުވާއަށް ދޫކޮށްފައި އޮތް ރަށެއް ކަމަށްވާ އުސްފުށި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށް ދިނުމާއި ބިން އިތުރުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ސިއްހީ މަރުކަޒު އެކްސްޓެންޝަން ބިލްޑިންއެއްގެ އިތުރުން ވޮލީ ކޯޓަކާއި އައުޓްޑޯ ޖިމެއް ހަދައިދެއްވުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު