މާލޭ މަގުތަކުގައި ހުރި ސެކިޔުރިޓީ ކެމެރާތަކާއި ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް ހަރުކޮށްފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް 24 ގަޑިއިރުގެ ތެރޭގައި ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ "މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި މާލެސިޓީގެ މަގުތަކާއި ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާތީ، އެކަން އެގޮތަށް ނުކުރުމަށާއި އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އީސީ އިން އަންގާފައިވާ،" ކަމަށެވެ.

އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާ އެކީގައި އީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްދަލުކޮށް، މި ވާހަކަތައް ދަންނަވާފައިވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އެފަދަ ގަވާއިދާ ހިލާފު ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވައި، ހަބީބު ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދީފައިވާ ގޮތުގެމަތީން، ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫން ގޮތަކަށް، މަގުތަކާއި އިމާރާތްތަކުގައި ކެމްޕޭނަށް ބޭނުންވާ އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިދެންނެވި ފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއް ނޫން، އެހެންކަމުން ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި އަމަލު ކުރެއްވުން އެދެން،" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.