- ތ. ދިޔަމިގިލިން އަލީ ރިފްޝާން
ތ. ދިޔަމަގިލިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދުނު ބޮޑެތި ކަންތައްތަކެއް ކޮށްދެއްވުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ދިޔަމިގިއްޔަށް ރައީސް ވަޑައިގެންނެވުމާއެކު އެ ރަށުގެ ގިނަ އަދަދެއްގެ މީހުން ބަނދަރަށް ނުކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.
އޭގެ ފަހުން ބޭއްވި ބައްދަލުވުމުގައި ދިޔަމިގިލީގެ ފަރާތުން މި ރަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ ވަނީ ރައްޔިތުންގެ ފަރާތުން ރައީސަށް ގިނަ ކަންތައްތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދިޔަމިގިއްޔާ ކައިރީގައި އޮންނަ ފަޅު ރަށް، މެދުފުއްޓާ ގުޅުވައިލައިދިނުމާއި ގޯޒްވޭއަކުން މަޑިފުއްޓާ ގުޅުވައިލައިދިނުން ހިމެނެއެވެ. އެއަށްފަހު ރައީސް ވާހަކަފުޅުދައްކަވަމުން ވަނީ އެ ކަންކަމަށް ވައުދުވެވަޑައިގެންފައެވެ.
"ކައުންސިލުގެ ރައީސް ފާހަގަކުރައްވައިފި މި ރަށާއި މެދުފުށި ގުޅުވައިލުމަށް. ކުރިއަށް އޮތް ދައުރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން. މެދުފުށި ގުޅާލާ އިރުގައި، މި ރަށުގެ ބިން ބޮޑު ކުރެވިގެންދާނެ. ކޯޒްވޭއަކުން މަޑިފުއްޓާ ގުޅައިލުމަށް ދިރާސާއަކަށްފަހުގައި، އަޅުގަނޑުމެން ގޮތެއް ނިންމާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިޔަމިގިއްޔަށް ބޯހިޔާވަހިކަން ވެސް ބޭނުންވެފައިވާ ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ދައުރުގައި މި ރަށުގައި ފުލެޓު ނޫނީ ރޯހައުސް ހަދައިދެއްވާނެ ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް ތާރު އަޅައި، ދިހަ ޓަނުގެ އައިސްޕްލާންޓެއް ވެސް މި ރަށުގައި ބަހައްޓައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު