ކޯޓުގެ ހުކުމަށް ފިއްލަވައިގެން ގައުމުން ބޭރުގައި ހުންނަވާތާ ފަނަރަ އަހަރު ފަހުން ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު އަދި މަހުޖަނު ތަކްސިން ޝިނަވަޓްރާ ވަނީ މިހަފުތާގައި ކުއްލިގޮތަކަށް އެނބުރި ގައުމަށް ވަޑައިގެންފައެވެ. އޭނާ ބެންކޮކްގެ އެއަރޕޯޓަށް ފައިބާވަޑައިގެންނެވުމާއެކު ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުލުހުންވަނީ ޖަލަށް ގެންގޮސްފައެވެ. މިހިސާބުން އުފެދެނީ ދެ ސުވާލެކެވެ. ތަކްސިން ޝިނަވަޓްރާ އެނބުރި މިވަޑައިގެންނެވީ އަސްކަރިއްޔާއާއެކު ކޮންޒާތެއްގެ ޑީލެއް ހައްދަވައިގެން ބާވައެވެ. އޭނާ ޖަލުގައި ހުންނަވާނީ ކިހާދުވަހަކަށްތޯއެވެ. ދެވަނަ ސުވާލުގެ ޖަވާބަކީ ބާރަގަޑި އިރެވެ. ތައިލެންޑުގެ ޖަލުތަކާބެހޭ އިދާރާއިން ވަނީ ބުދަދުވަހު ހެނދުނު ޕްރައިވެޓް ހޮސްޕިޓަލެއްގައި ތަކްސިން ޝިނަވަޓްރާ އެޑްމިޓްކޮށްފައެވެ. ހޮސްޕިޓަލުގެ މުޅި އެއްފަންގިފިލާ ވަނީ އޭނާއަށް ޚާއްސަ ކުރެވިފައެވެ.
ހޮސްޕިޓަލުގައި މިހާރު ތަކްސިން އެހުންނެވީ އަމިއްލަފުޅު ގެއެއް ފަދައިންނެވެ. އެތަނުގައި ކުރާ ކަމަކީ ތަކްސިންގެ ސިއްހަތު މޮނިޓަރކުރުން ކަމަށް ބުނެއެވެ. ހޮސްޕިޓަލުން ނުކުމެވަޑައިގެން ދެން އަލުން ޖަލަށް ވަޑައިގެންނެވުމަކީ ވަރަށް ނާދިރު ކަމެކެވެ. ދެން އޭނާ ވަޑައިގަންނަވާނީ އަމިއްލަފުޅު ގެއަށެވެ. މިހާރު ޔަގީން ނުވަނީ ހޮސްޕިޓަލުގައި އޮންނަވާނެ މުއްދަތެކެވެ. ގަބޫލުކުރެވޭ ގޮތުގައި ހޮސްޕިޓަލުގައި އޮންނަވައިގެން އެންމެ ފުރަތަމަވެސް ތަކްސިން ކުރައްވާނެ ކަމަކީ އޭނާގެ 8 އަހަރުގެ ޖަލު ހުކުމް މައާފުކޮށްދެއްވުމަށް އެދިވަޑައިގެން ރަސްގެފާނު ވަޖިރަލޮންކޮންއަށް ޕެޓިޝަނެއް ހުށައެޅުއްވުމެވެ. އެ ޕެޓިޝަން ލިބިވަޑައިގަތީމާ ގިނަވެގެން ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ރަސްގެފާނު އެ މައާފު ދެއްވައިފާނެއެވެ.
އަސްކަރިއްޔާއިންވެސް ތަކްސިނަށް މައާފުދޭން އިއުތިރާޒެއް ނުކުރާނެއެވެ. އެއަށްފަހު ދެން ތަކްސިން މުޅިން މިނިވަނެއްގެ ގޮތުގައި އަމިއްލަފުޅު ގެއަށް ވަޑައިގެންފާނެއެވެ. މި ޑްރާމާގެ ފުރަތަމަ ޗެޕްޓަރު އެހިސާބުން ނިމި ދެން ފެށޭނީ އައު ޗެޕްޓަރެކެވެ. އެ ޗެޕްޓަރަކީ ތައިލެންޑުގެ ސިޔާސީ މައިދާނުގައި އަމަލީގޮތުން ތަކްސިން ދައުރެއް އަދާކުރައްވަން ފެއްޓެވުމެވެ. މި ލިޔުން ފަށަމުން ގެނެސްފައިވާ ފުރަތަމަ ސުވާލުގެ ޖަވާބު އަންނަނީ މިދެންނެވި ދައުރުގެ ތެރެއިންނެވެ. އަސްކަރިއްޔާއާއެކު ތަކްސިން ހެއްދެވި ޑީލުގެ ގޮތާއި ބާވަތް އެނގޭނީ އެ ޗެޕްޓަރުގެ ތެރެއިންނެވެ. މިހާތަނަށް ހަތުރުވެރިންގެ ގޮތުގައި ތިބި ބަޔަކު ކުއްލިއަކަށް ޑީލެއްހަދައި މިވަރުގެ ޑްރާމާއެއް ކުޅޭނީ ދެފަރާތަށްމެ ލިބޭންއޮތް ސިޔާސީ ފައިދާއެއްގެ ބޮޑުކަމުންނެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ.
ތަކްސިން ޝިނަވަޓްރާއާއި އަސްކަރިއްޔާގެ މެދުގައި ރުޅިވެރިކަން ފެށުނީ އޭނާގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓައިލުމުންނެވެ. އެއަށްފަހު އޭނާގެ މައްޗަށް ބަރިބަރިއަށް ކޮރަޕްޝަނުގެ ދައުވާތައް އުފުލައި ކޯޓުމެދުވެރިކޮށް ހުކުމްވެސް އިއްވުމުންނެވެ. އަހަރުތަކެއްފަހުން ތައިލެންޑުގެ ރައްޔިތުން ޝިނަވަޓްރާގެ ކޮއްކޮ ޔަންލުކް ޝިނަވަޓްރާ ވެރިކަމަށް އިންތިޚާބުކުރީމާ އެގޮތްވެސް ކަމުނުގޮސްގެން ސިފައިންވަނީ އެސަރުކާރުވެސް ވައްޓައިލައިފައެވެ. އޭގެފަހުން ސީދާގޮތުންނާއި ނުސީދާގޮތުން ސަރުކާރު ހިންގަމުންދަނީ ސިފައިންގެ ޖެނެރަލުންނެވެ. ތަކްސިން ޝިނަވަޓްރާ ދިރިއުޅުއްވަމުން ގެންދެވީ ދުބާއީގައެވެ. ކަންކަން އަނެއް އަތަށް ބަދަލުވުމުގެ ކޮޅުމަތި ފެށުނީ މިއަހަރުގެ މެއިމަހު ތައިލެންޑުގައި ބޭއްވުނު އާއްމު އިންތިޚާބުގެ ނަތީޖާއާ ހަމައިންނެވެ.
އެ އިންތިޚާބުގައި އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީތަކަށް ކުރިމަތިވީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މޫވް ފޯވާރޑް ޕާޓީއާއި ތަކްސިން ޝިނަވަޓްރާގެ ފިއު ތައި ޕާޓީއެވެ. ފިއު ތައި ޕާޓީގެ ކުރީސަފުގައި ހުންނެވީ ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުންނެވެ. އެކަމަކު މިއިން އެއްވެސް ބަޔަކަށް އެހެންބަޔަކާ ނުގުޅި އަމިއްލައަށް ސަރުކާރެއް އެކުލަވައިލެވޭވަރުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. ސަރުކާރެއް އެކުލަވައިލުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ މޫވް ފޯވާޑް ޕާޓީގެ ފަރާތުންނެވެ. ފިއު ތައި ޕާޓީއާ ގުޅިގެންނެވެ. އެކަމަކު މޫވް ފޯވާޑް ޕާޓީގެ ސަރުކާރަކަށް އަދި އެ ޕާޓީގެ ބޭފުޅެއްގެ ބޮޑުވަޒީރުކަމަށް ސެނެޓުގެ ރުހުމެއް ނުލިބުނެވެ. ސެނެޓަކީ ގާނޫނުހަދާ މަޖިލީހުގެ މަތީގެއެވެ. މިއީ އަސްކަރިއްޔާއިން އައްޔަންކޮށްފައިވާ މެންބަރުން ތިއްބަވާ މަޖިލީހެކެވެ.
މޫވް ފޯވާޑް ޕާޓީއަށް އަސްކަރިއްޔާގެ ތާއީދާއި ރަސްގެފާނުގެ ތާއީދެއްވެސް ނެތުމުގެ ސިއްރަކީ އެޕާޓީގެ ވައުދުތަކުގެ ތެރޭގައި އަސްކަރިއްޔާ އާއި ޝާހީ ދަރުބާރު އިސްލާހުކުރުމާއި އެދެ މުއައްސަސާގެ ފިޔަކޮށައިލުން ހިމެނޭތީއެވެ. މޫވް ފޯވާޑް ޕާޓީއާނުލައި ސަރުކާރެއް އެކުލަވައިލެވެން އޮތީ ތަކްސިން ޝިނަވަޓްރާގެ ފިއު ތައި ޕާޓީ އިސްވެ އޮވެ ދެންތިބި ކުދި ހުރިހައި ޕާޓީއެއް ގުޅިގެންނެވެ. މިހުރިހައި ދުވަހު އަސްކަރިއްޔާއިން ކުރީ މިއެންމެން ގުޅުވައިލުމުގެ މަސައްކަތެވެ. އެ މަސައްކަތަށްފަހު ފިއު ތައި ޕާޓީގެ ބޭފުޅަކަށް ސެނެޓުން މިހާރުވަނީ ސަރުކާރެެއް އެކުލަވައިލުމަށް ރުހުންވެސް ދީފައެވެ. މިރޭވުމުގައި ނުވަތަ މި ޑީލްގައި ފިއު ތައި ޕާޓީ ބައިވެރިކުރެވެން އޮތީ ތަކްސިން ޝިނަވަޓްރާގެ މައްސަލަ ކޮޅެއްގައި ޖެއްސިގެންނެވެ. ޑީލަކީ އެއީއެވެ. ޝިނަވަޓްރާ އެނބުރި ގައުމަށް ވަޑައިގެންނެވީ މި ޑީލްގެ ދަށުންނެވެ.